ޗައިނާގައި ކޮވިޑް-19 ފިޔަވަޅުތަކާ ދެކޮޅަށް މުޒާހަރާ ކުރި މީހުން ދޫކޮށްލީ ހަތަރު މަސް ފަހުން
ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ނިމުމަކަށް ގެނައުމަށް ގޮވާލައި ބެއިޖިންގައި ބޭއްވި ތާރީހީ "ހުދު ކަރުދާސް" މުޒާހަރާތަކުގައި ބައިވެރިވި ޗައިނާގެ ދެ އަންހެނަކު ގާތްގަނޑަކަށް ހަތަރު މަހެއްހާ ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހު ބުދަ ދުވަހު ދޫކޮށްލާފައިވާ ކަމަށް އެ މީހުންގެ ދެ ރަހުމަތްތެރިއަކު ރޮއިޓާސް އަށް ކިޔައިދިނެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ވެރިކަމުގެ ދިހަވަރަކަށް އަހަރު ތެރޭގައި ދުވަހަކުވެސް ނުކުރާ ފަދަ މުޒާހަރާތައް ފެށުނީ ނޮވެމްބަރު މަހުގެ ފަހުކޮޅު ޗައިނާގެ އެކި ސިޓީތަކުގަ އެވެ. އެ މީހުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް ކޮވިޑްގެ ހަރުކަށި ފިޔަވަޅުތަކަށް ނިމުން އަވަސްކުރުމަށް އެހީތެރިވެދިން ކަމަށް ރޮއިޓާސްއަށް މީގެ ކުރިން މައުލޫމާތު ލިބިފައިވާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތައް ސަތޭކަ ބަޔަކު މަގުތަކަށް ނުކުމެ، ގިނަ ބަޔަކު އެމީހުންގެ ހިތްހަމަނުޖެހުން ރަމްޒުކޮށްދިނުމުގެ ގޮތުން ހުސް ކަރުދާސްތަކެއް ހިފައިގެން ކުރިއަށް ގެންދިޔަ މުޒާހަރާތަކާ އެކު، ފުލުހުން ވަނީ ގިނަ އަދަދެއްގެ ބައިވެރިންނާ ސުވާލުކޮށް ހިފަހައްޓާފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކާއި ވަކީލުންނާއި އެ މީހުންގެ ރަހުމަތްތެރިން ބުނެ އެވެ.
ގިނަ ބަޔަކު ހިފަހައްޓާފައި ހުރީ އެންމެ 24 ގަޑިއިރު ނުވަތަ އެއަށް ވުރެ ކުޑަ ވަގުތުކޮޅަކަށް، ނޫނީ ހަފުތާތަކެއް ފަހުން ދޫކޮށްލި އެވެ.
އެ މީހުންގެ ދެ ރަހުމަތްތެރިން ބުނި ގޮތުގައި 26 އަހަރުގެ ފޮތް އެޑިޓަރު ކާއޯ ޒިކްސިން އާއި 27 އަހަރުގެ ޓީޗަރެއް ކަމަށްވާ ޒައި ޑެންގްރޫއީ ދޫކޮށްލީ މިދިޔަ ބުދަ ދުވަހު އެވެ.