މިފަހަރު މިނިސްޓަރ އަލީ ވަހީދުގެ ތައުރީފް މިނިސްޓަރ އަމީނަށް
ކޮރޯނާ ވައިރަހުން ރާއްޖޭގެ ރައްޔިތުން ސަލާމަތްވެ ތިބުމަށް ހެލްތު މިނިސްޓްރީން އަޅަމުން ގެންދާ ފިޔަވަޅުތައް ފާހަގަކޮށް މިނިސްޓަރ އަބުދުﷲ އަމީނަށް ، ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފިއެވެ.
ކޮރޯނާ ވަައިރަހާއި ގުޅިގެން ހެލްތު މިނިސްޓަރ އަމީނާއެކު ރޭ ބޭއްވެވި ޕުރެސް އެއްގައި މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މިއަދާއި ހަމަޔަށް މި ބަލިން ދިވެހިން ރަައްކާތެރިކުރެވި ރާއްޖެ މިހިސާބަށް ގެންދިޔުމުގައި ރައީސުލް ޖުމްހޫރިއްޔާގެ ދަށުން މަސައްކަތް ކުރެއްވީ މިނިސްޓަރ އަމީން ކަމަށެވެ. އަދި ދިވެހި ރައްޔިތުން ކޮރޯނާ ވައިރަހުން ސަލާމަތްވެ ތިބުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކުގެ ހުރިހާ ނިންމެވުމެއް ނިންމެވީ މިނިސްޓަރ އަމީން ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.
"މާތްﷲ އަށް ހަމްދުކުރުމުގެ އިތުރަށް ޝުކުރުވެރިވަން ، ދިވެހިރާއްޖޭގެ ވަށައިގެން (އަވަށްޓެރި ގައުމުތަކަށް) މިބަލި އައިއިރު ، ދިވެހިރާއްޖޭގައި ނެގިފައި ހުރި ޑެޝިޝަންތަކަކީ ދައުލަތުގެ މުއައްސަސާތައް ގުޅިގެން ހެލްތު މިނިސްޓަރ އަމީން ކުރެއްވެވި މަސައްކަތްކަން ފާހަގަކޮށްލަން" އަލީ ވަހީދު ވިދާޅުވިއެވެ.
މިނިސްޓަރ ޢަލީ ވަހީދު ، މިނިސްޓަރ އަމީނަށް ތަޢުރީފް ކުރައްވާ ރޭ ވާހަކަފުޅު ދެއްކެވިއިރު ދާދިފަހަކުން "އެމްވީ ލީކްސް" ކިޔާ ޓުވީޓާ އެކައުންޓަކުން ވަނީ މިނިސްޓަރ އަލީ ވަހީދު ކަމަަށް ބެލެވޭ މީހަކު މިނިސްޓަރ އަމީނަށް ވަރަށް ބޮޑަށް ފާޑު ކިޔާ މަލާމާތް ކުރާ އޯޑިއޯއެއް ލީކް ކޮށްލާފެއެވެ.
އެ އޯޑިއޯގައި އަލީ ވަހީދު ކަމަަށް ބެލެވޭ މީހަކު ބުނެފައިވަނީ ކޮރޯނާ ވައިރަހާ ދެކޮޅަށް މަސައްކަތް ކުރުމަށް ކެމެރާއާއި މާސްކް ގެނެސް ކަރަންޓީންގެ ވަސީލަތް ހެދީ އޭނާ ކަމަށެވެ. އަދި މިނިސްޓަރ އަމީން ކުރެއްވިހާވެސް ކަމަކީ ހެދިކާ ކެއުން ކަމަށާއި ތާކަށް ވަޑައިގަތަަސް ފޮޓޯ ނަގަން ދެކެމެރާމަނުން ގެންދާ ކަމަަށް ލީކުވި އޯޑިއޯގައި އަލީ ވަހީދުކަމަށް ބެލެވޭ މީހަކު ބުނެއެވެ.
މީގެ އިތުރުން މިނިސްޓަރ އަލީ ވަހީދު ކަމަށް ބެލެވޭ މީހަކު ވަރަށް ބޭއަދަބީކޮށް ޓުރާންސްޕޯޓް މިނިސްޓަރ ނަހުލާ ކަމަަށް ބެލެވޭ މީހަކާ ވާހަކަ ދައްކާ އޯޑިއޯއެއް ވެސް އެމްވީ ލީކްސްއިން ލީކް ކޮށްލާފައިވެއެވެ.