ޗައިނާގެ ނުރައްކާ ބޮޑުވާތީ އޮސްޓްރޭލިއާއިން މިލިޓަރީ ވަރުގަދަ ކުރަނީ
ޗައިނާގެ ނުރައްކާ ބޮޑުވަމުންދާތީ އެކަމާ ދެކޮޅަށް ދިގު ރާސްތާގެ މިސައިލް ގަތުމަށް އޮސްޓްރޭލިއާ އިން ކުރާ މަސައްކަތް އަވަސްކުރާނެ ކަމަށް ޑިފެންސްގެ ބޮޑު ރިވިއުއެއްގައި ބުނެފި އެވެ.
އަދި "މިސައިލް ޒަމާނުގައި" ޖިއޮގްރަފީ ގޮތުން އެކަހެރިވެގެން ގައުމު ހިމާޔަތް ނުކުރެވޭނެ ކަމުގެ އިންޒާރު ވެސް އެ ގައުމުން ވަނީ ދީފަ އެވެ.
އެ ރިޕޯޓުގެ ވަގުތުން ހުށަހެޅުންތައް ފޯރުކޮށްދިނުމަށް ސަރުކާރުން 19 ބިލިއަން ޑޮލަރު (12 ބިލިއަން ޑޮލަރު، 10 ބިލިއަން ޕައުންޑް) ހަރަދު ކުރާނެ އެވެ.
110 ސޮފްހާގެ މި ދިރާސާ ސިފަކުރަނީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އޮސްޓްރޭލިއާގެ ޑިފެންސަށް އައި އެންމެ ބޮޑު ބަދަލެއްގެ ގޮތުގަ އެވެ.
ޑިފެންސް ސްޓްރެޓެޖިކް ރިވިއު (ޑީއެސްއާރު) ނެރެފައި މިވަނީ ޓައިވާނާ މެދު ޗައިނާއިން ގެންގުޅޭ ސިޔާސަތާ ގުޅިގެން ސަރަހައްދީ ނުތަނަވަސްކަން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.
ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ދެކުނު ޗައިނާ ކަނޑުގެ ބައެއް ސަރަހައްދުތަކަކީ އެގައުމުގެ އަމިއްލަ ސަރަހައްދެއް ކަމަށް ބުނެ ޗައިނާގެ ކަނޑުގެ އަސްކަރިއްޔާއިން ވެސް ވަނީ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި ބޮޑު ބާރެއް ގާއިމުކޮށްފައެވެ.
"ޗައިނާގެ އަސްކަރީ ބިނާއަކީ ދެވަނަ ބޮޑު ހަނގުރާމަ ނިމުނު ފަހުން އެއްވެސް ގައުމެއްގެ އެންމެ ބޮޑު އަދި އެންމެ އުންމީދީ މަސައްކަތެވެ. މިއީ ޗައިނާގެ ސްޓްރެޓެޖިކް ވިސްނުމުގެ އިންޑޯ ޕެސިފިކް ސަރަޙައްދަށް ދެފުށް ފެންނަ އަދި ޔަޤީންކަމެއް ނެތި ހިނގަމުންދާ ކަމެއް،" ރިޕޯޓުގައި ވެ އެވެ.
ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ވިދާޅުވީ މި ރިވިއުގެ ސަބަބުން "މުސްތަގުބަލު ބައްޓަންވާނެ ދުވަހަކަށް އިންތިޒާރު ކުރުމުގެ ބަދަލުގައި މުސްތަގުބަލު ބައްޓަންވެގެންދާނެ" ކަމަށާއި އޭގެ ރެކޮމެންޑޭޝަންތަކުގެ ސަބަބުން އޮސްޓްރޭލިއާ "އަމިއްލަ އަށް ބަރޯސާވެ، އިތުރަށް ތައްޔާރުވެ، ރައްކާތެރިވާނެ" ކަމަށެވެ.