ޚަބަރު

ރައްޔިތުން ޕެނިކު ނުވޭ، ކޮރޯނާ ވައިރަހާއެކު އުޅެން ތައްޔާރު ވާންވާނެ

ދެން އެމްވީ ، ދެން އޮންލައިން

މުޅި ދުނިޔެއަށް ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ކަންތައްތަކުގައި ރައްޔިތުން ހާސް ނުވުމަށާއި ކޮރޯނާ ވައިރަސް އަތުވެއްޖެނަމަ އެބައްޔާއެކު އުޅެން ތައްޔާރު ވާންވާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ކޮރޯނާ ވައިރަހުން ރައްކާތެރިވުމާއި ގުޅޭގޮތުން ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ދިނުމަށް ރޭ ބޭއްވި ޕުރެސް އެއްގައި އަލީ ވަހީދު ވިދާޅުވީ ރާއްޖެ އަދި އޮތީ ޕޮސިޓިވް އެއްވެސް ކޭސް އެއް ނެތުމުން ނެރޭ ވައިޓް އެލާޓްގައި ކަމަށާއި ރައްޔިތުން ޕެނިކު ނުވުމަށް އެދިވަޑައިގަންނަވާކަމަށެވެ. އެހެން ނަމަވެސް ކޮރޯނާ ވައިރަސްގެ ޕޮސިޓިވް ކޭސް އެއް ފެނުން އެއީ ހައިރާން ވާންޖެހޭ ކަމަކަށް ވެގެން ނުވާނެ ކަމަށާއި މި ބަލި އަތުވެެއްޖެ ނަމަ މިބައްޔާ ކުރިމަތިލާ މިބައްޔާއެކު އުޅެން ތައްޔާރު ވާންވާނެކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.

އާއްމުންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ނޫސްވެރިން ކުރެއްވި އެކި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަލީ ވަހީދު ވަނީ ރައްޔިތުން ހާސްނުވެ ، އާއްމު ހާލަތުގައި ތިބުމަށް އިރުޝާދު ދީފައެވެ. އެގޮތުން ކުރިއަށް އޮތް ތިން މަހަށް ވާވަރަށް ރާއްޖޭގައި ކާޑު ހުންނާނެ ކަމަށާއި އެކަމާ ހާސްވެ ބޭނުން ނުވާ ވަރަށް ގަނެ ، ހާސްކަމެއްގެ ތެރެއަށް ދުއްވާ ނުލުމަށް އަލީ ވަހީދު އެދި ވަޑައިިގެންނެވިއެވެ. ހަމައެހެންމެ ކޮރޯނާ ވައިރަހާއި ގުޅިގެން ދައުލަތުގެ ޚަރަދު ކުޑަކުރާނެ ކަމަށާއި ، ދައުލަތުގެ ޚަރަދު ކުޑަކުރުމުގައި އިސްކަން ދޭނީ ސިވިލް ސަރވިސްއާއި މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނޫން ކަމަށް ވެސް އަލީ ވަހީދު ފާހަގަ ކުރެއްވިއެވެ.

'' ޚަރަދު ކުޑަކުރުމުގައި އަޅުގަނޑުމެން އިސްކަންދޭނީ ދިވެހި ދައުލަތަށް ޚިދުމަތްކުރަން ތިބި ސިވިލް ސަރވިސްއާއި މުވައްޒަފުންގެ މުސާރަ ކުޑަކުރާކަށް ނޫން ، އަޅުގަނޑުމެންގެ ވިސްނުން ހުރީ މުސާރައާއި އެހެނިހެން އެއްޗެހި ހަމަ ލިބޭ ވަރަށް ލިބިފައި ސަރުކާރުގެ ޚަރަދުތައް (ކުޑަކުރުން) ، މިސާލަކަށް ވަޒީރުންގެ ދަތުރުތައް ވެސް މަދުކުރަން މިހާރު ވާނީ ދަންނަވާފައި'' އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ކޮންމެހެން ކުރަންޖެހޭ ޚަރަދެއް ފިޔަވައި އެހެން ޚަރަދެއް ސަރުކާރުން ނުކުރާނެ ކަމަށާއި އެހެން ނަމަވެސް ސަރުކާރުން ތިބީ އިޤްތިޞާދު ހުއްޓާލާފައި ތިބޭގޮތަކަށް ވެސް ނޫން ކަމަށެވެ.

ކޮރޯނާއަށް ޝައްކު ކުރެވޭ މީހުން ބަލާ ، އެކަހެރި ކުރުމުގެ ވަސީލަތްތަކާއި އަދި އެ މަސައްކަތްތަކާއި ގުޅޭ ގޮތުން އަލީ ވަހީދު ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ، ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާއި އެއްގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ކަނޑައަޅާފައިވާ އުސޫލުތަކަށް ގުޅިފައިވާ ޓާސްކް ފޯހެއް މަސައްކަތް ކުރަމުންދާ ކަމަށާއި ކަރަންޓީން ކުރަން ޖެހިއްޖެ ހާލަތެއްގައި ގޭގައި އެކަހެރި ކުރުމާއި ރަށުގައި އެކަހެރި ކުރުމާއި ހޮސްޕިޓަލްގައި އެކަހެރި ކުރުމުގެ ވަސީލަތްވެސް ގާއިމް ކުރެވިފައިވާ ކަމަށެވެ.

'' ފަރުކޮޅުފުށީގެ އިތުރުން އައިސީޔޫގެ ކަންތައް މިހާރު ވަނީ ގާއިމް ކުރެވިފަ، އޭގެ އިތުރުން ވިލިވަރުގައި މިހާރު ވަނީ 30 މީހުންގެ ފެސިލިޓީއެއް ގާއިމް ކޮސް މިރޭވެސް މީހުން ވައްދަން ޖެހިއްޖިއްޔާ ވަންދާ ހިސާބުގައި'' ހެލްތު މިނިސްޓަރާއެކު އަލީ ވަހީދު ރޭ ބޭއްވި ޕުރެސްގައި ވިދާޅުވިއެވެ.

އިޓަލީއާއި ޔޫރަޕްގައި މިހާރު ހަލުވި ކަމާއެކު ކޮރޯނާ ވައިރަސް ފެތުރެމުންދާއިރު ބ.ތިނަދޫ ގައި ޗުއްޓީ ހޭދަކުރަމުންދިޔަ އިޓަލީގެ ފަތުރުވެރިއަކު ކޮރޯނާ ވައިރަހަށް ޝައްކު ކުރެވި މިހާރު ވަނީ އެކަހެރި ކުރެވިފައެވެ. ހަމައެހެންމެ ޅ.ކުރެއްދޫ ރިސޯޓްގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި ގައުމަށް ދިޔަ މީހަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް އޭނާ އެންގުމާއެކު އިޓަލީއިން ރާއްޖެއަށް ޓޫރިސްޓުން އައުން ވަގުތީ ގޮތުން ވަނީ ހުއްޓާލާފައެވެ. މިއާއެކު ވ.ތިނަދޫ އާއި ޅ.ކުރެއްދޫ ރިސޯޓަށް މީހުން އަރާ ފޭބުން ވެސް ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!