ދުނިޔެ

ޕާކިސްތާންގެ ބަޑި ގުދަނެއް ގޮވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ފުލުހުންގެ އިދާރާއެއްގައި ހުންނަ ބަޑިގުދަނެއްގައި އަލިފާން ރޯވެ، އެ ތަނުގައި ހުރި ހަތިޔާރުތައް ގޮވުމުގެ ސަބަބުން 12 މީހުން މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ އެ ޤައުމުގެ ހުޅަނގުއުތުރުގައިވާ ޚައިބަރް ޕަޚްތުންޚްވާގެ ސްވަތް ވާދީގައި އޮންނަ ކަބާލް ކިޔާ ރަށެއްގެ ފުލުހުންގެ ސްޓޭޝަނެއްގައެވެ.

Ads by Sosun Fihaara

މި ހާދިސާގައި ފުލުހުންގެ ކައުންޓަރ-ޓެރެރިޒަމް ސްޓޭޝަނެއް ހިންގާ އެ ޢިމާރާތް ވަނީ އެއްކޮށް ސުންނާފަތިވެފައެވެ. މަރުވެފައިވާ 12 މީހުންގެ ތެރޭގައި ގިނައީ ފުލުހުންނެވެ. މި ހާދިސާ ހިނގާފައި މި ވަނީ، ޕާކިސްތާނުގައި ހަރަކާތްތެރިވާ ޓެރެރިސްޓު ޖަމާޢަތްތަކުން ފުލުހުންނާއި ފުލުހުންގެ މަރުކަޒުތަކަށް އަމާޒުކޮށްދޭ ޓެރެރިސްޓް ޙަމަލާތައް އިތުރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ނަމަވެސް، ކަބާލްގެ ފުލުހުންގެ ސްޓޭޝަންގެ ބަޑިގުދަނުގައިވާ ހަތިޔާރުތައް ގޮވާފައި ވަނީ ޓެރެރިސްޓުންގެ ޙަމަލާއަކާ ގުޅިގެން ނޫން ކަމުގައި ސްވަތްގެ ފުލުހުން ވިދާޅުވިއެވެ. އަދި، އެ ތަނުގައި ރޯވީ ކަރަންޓު ޝޯޓް-ސަރކިޓްވުމުގެ ސަބަބުން ކަމަށާއި، އަލިފާންގަނޑު އަތުބޮމާއި ގޮވާތަކެތި ބަހައްޓާފައިވާ ބަޑިގުދަނަށް ފެތުރި، އެ ތަކެތި ގޮވާފައިވާ ކަމުގައި ފުލުހުން ވިދާޅުވިއެވެ.

އެ ޢިމާރާތުގެ ތެރޭގައި ބާރުގަދަ ތިން ގޮވުމެއް ގޮވި ކަމުގައި މަންޒަރު ފެނުނު މީހުން ބުނެއެވެ. އަދި، މި ހާދިސާގައި 50 އަށްވުރެ ގިނަ މީހުން ޒަޚަމުވިއެވެ. ސުންނާފަތިވެފައިވާ ޢިމާރާތުގެ ދަށުން މަރުވެފައިވާ މީހުންގެ ހަށިތައް ނެގުމަށް އޮފިޝަލުން އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ޕާކިސްތާނުގައި ހަރަކާތްތެރިވާ ޓެރެރިސްޓު ޖަމާޢަތްތަކުގެ ހަރަކާތްތައް މި އަހަރުގެ ތެރޭގައި އިތުރުކޮށްފައިވެއެވެ. ޚާއްޞަކޮށް، ތަހްރީކް އައް-ޠާލިބާން ޕާކިސްތާން (ޓީ.ޕީ.ޕީ)ގެ ޙަމަލާތައް ވަނީ އިތުރުކޮށްފައެވެ. ޕާކިސްތާން ޠާލިބާންގެ ނަމުން މަޝްހޫރުވެފައިވާ އެ ޖަމުޢިއްޔާއަކީ އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާނުންނާ ގުޅުން އޮންނަ ޓެރެރިސްޓު ޖަމާޢަތެކެވެ.

ކަބާލްގައި ހުންނަ ފުލުހުންގެ ސްޓޭޝަނުގައި ބާރުގަދަ އެއްޗެއް ގޮވުމުގެ ފަހަތުގައި ޓެރެރިސްޓުންގެ އަތެއް ނެތް ކަމުގައި އެ ތަނުގެ ފުލުހުން ބުނި ނަމަވެސް، ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވަނީ އެއީ ޓެރެރިސްޓަކު އަމިއްލަ ފުރާނަ ނަގައިލައިގެން ދީފައިވާ ޙަމަލާއެއް ކަމުގައި ތުހުމަތު ކުރައްވާފައެވެ. އަދި، ޕާކިސްތާނުގެ ފުލުހުންނަކީ ޓެރެރިސްޓުންގެ ޙަމަލާތަކާ ކުރިމަތިލުމުގައި ފަހަތަށް ޖެހޭނެ ބައެއް ނޫން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އެ ހާދިސާ އިތުރަށް ތަހުޤީޤު ކުރަމުންދާ ކަމުގައި އޭނާ ފަހުން ވަނީ ވިދާޅުވެފައެވެ.

މި އަހަރުގެ ޖަނަވަރީ މަހު އެ ޤައުމުގެ ހުޅަނގުއުތުރުގައިވާ ޕެޝާވަރުގެ މިސްކިތަކަށް ޓެރެރިސްޓުން ވަނީ ބޮމުގެ ޙަމަލާއެއް ދީފައެވެ. ގިނަ ޢަދަދެއްގެ ފުލުހުން ނަމާދުގެ ޖަމާޢަތަށް އަރައި ތިބި ވަގުތު ބޮން ގޮއްވައިލައިގެން ދިން އެ ޙަމަލާގައި 80 އެއްހާ ފުލުހުން މަރުވިއެވެ. ޙަމަލާދީފައިވާ މިސްކިތް ހުންނަނީ ޕެޝާވަރުގެ ފުލުހުންގެ ސްޓޭޝަންގެ ގޯތިތެރޭގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!