ކައުންސިލް އިންތިހާބު ފަސް ކުރުމަށް އަދި ނިންމާފައެއް ނުވޭ: އީސީ
ކޮރޯނާ ވައިރަސް(ކޮވިޑް-19) އާ ގުޅިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް އަދި ނިންމާފައިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އަހުމަދު އަކްރަމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު ނުބޭއްވޭނެ ފަދަ މާހައުލެއް އުފެދިއްޖެ ކަމަށް ދައުލަތުގެ އެއްވެސް މުއަސަސާއަކުން އިސީއަށް އަންގާފައި ނުވާ ކަމަށެވެ.
އަކްރަމް މިހެން ވިދާޅުވެފައި މިވަނީ ވައިހަރާ ގުޅިގެން އިންތިހާބުވެސް ފަސްކުރަން ޖެހިއްޖެ ނަމަ ފަސްކުރާނެ ކަމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައި ވަނިކޮށެވެ.
އަލީ ވަހީދު ވިދާޅުވީ އިންތިހާބު ފަސްކުރުމާމެދު ނިންމުމެއް މިވަގުތު ނެގިފައިނުވާ ކަމަށާއި ނަމަވެސް ވައިރަހަށް ޕޮޒިޓިވް ވެފައިވާ މީހަކު ރާއްޖެއިން ފެނިއްޖެނަމަ ހާލަތު ބަދަލުވާނެ ކަމަށެވެ.
ރާއްޖޭގެ ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން އަންނަނީ ކޮރޯނާވައިރަސް ފެތުރިދާނެ ހާލަތަކަށް ބަލައި ސިޔާސީ ޕާޓީތަކުގެ ކެމްޕޭންތަކާއި އެއްވުންތައް ވެސް މަޑުޖައްސާލަން އިލްތިމާސްކުރަމުންނެވެ. އަދި ކުރިއަށް އޮތް ކައުންސިލް އިންތިހާބު ފަސްކުރުމުގެ ވިސްނުން އިލެކްޝަންސް ކޮމިޝަނުން ގެންގުޅުން ރަނގަޅު ކަމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.