ކޮރޯނާ ވައިރަހަށް ރާއްޖެއިން 2 މީހަކު ޕޮޒިޓިވް ވެއްޖެ
ރާއްޖެ އިން ކޮރޯނާވައިރަސް(ކޮވިޑް-19) އަށް ދެ މީހުން ޕޮޒިޓިވް ވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ކުރެއްދޫ އައިލޭންޑް ރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ ދެ މުވައްޒަފުން ކަމަށެވެ.
ރާއްޖެއިން ދެ މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވާތީ ކުރެއްދޫ ރިސޯޓަށް ވަނީ އޮރެންޖް އެލާޓް ނެރެފަ އެވެ. އެ ރަށަށް އަރާ ފޭބުން އޮތީ ހުއްޓުވާފަ އެވެ. މުޅި ރާއްޖެއަށް އޮތީ މިހާރު ޔެލޯ އެލާޓެވެ.
އޮރެންޖެ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހުނު މީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރޭ ހާލަތްތަކުގަ އެވެ. އެއީ ތިންވަނަ ލެވެލް އެވެ. ޔެލޯ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގަ އެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ކޮރޯނާއަށް ޕޮޒިޓިވްވި، ޓޫރިސްޓް ކޮންޓެކްޓްވި އެންމެން ހޯދައި ބަލަން ޖެހޭ ބެލުންތައް ބަލަމުންދާ ކަމަށެވެ. އެ ޓޫރިސްޓް ބައްދަލުވި މީހުންގެ ތެރެއިން ކޮރޯނާގެ އަލާމާތްތައް ފެންނަ މީހުން ޓެސްޓް ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ހެލްތު މިނިސްޓަރު އަމީން ވަނީ މި ހާލަތުގައި ރައްޔިތުން ޕެނިކް ނުވެ، ކެތްތެރިކަމާ އެކު މިކަމާ ކުރިމަތިލައި، އެންމެންނަށް ވެސް ލުއިފަސޭހަވާނެ ގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކުރައްވާފައެވެ.