ކޮންގޯ ވައިރަހާ ގުޅިގެން ދެ މީހަކު މަރުވުމުން ޕާކިސްތާނުގައި ބިރުވެރިކަން އުފެދިއްޖެ
ޕާކިސްތާނުގެ ސިންދް އަދި ބަލޫޗިސްތާން ޕްރޮވިންސްގައި ކްރިމިއާ-ކޮންގޯ ހެމޮރެޖިކް ފީވާ (ސީސީއެޗްއެފް) ވައިރަސް ޖެހިގެން ދެ މީހަކު މަރުވުމާ ގުޅިގެން ޕާކިސްތާނުގެ ސިއްހީ އިދާރާތަކުން ވަނީ ކަންބޮޑުވެފަ އެވެ.
ކޮންގޯ ރޯގާގެ ނަމުން މަޝްހޫރުވެފައިވާ މި ބަލީގައި އެންމެ ފުރަތަމަ މީހަކު މަރުވެފައިވަނީ ހުކުރު ދުވަހު އެ ގައުމުގެ އެންމެ ބޮޑު ސިޓީ އަދި ދެކުނު ސިންދް ޕްރޮވިންސްގެ ވެރިރަށް ކަރާޗީއިންނެވެ.
ޕްރޮވިންސް ހެލްތު އޮތޯރިޓީން ބުނި ގޮތުގައި އުމުރުން 28 އަހަރުގެ އެ ފިރިހެން މީހާއަކީ ޕްރޮފެޝަނުން ކައްކާ މީހެއް ކަމަށާއި އޭނާ އެންމެ ފުރަތަމަ ހުން އައިސްފައިވަނީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ކަމަށެވެ.
އޭނާގެ ހާލު ރަނގަޅު ނުވުމުން އޭގެ ދެ ދުވަސް ފަހުން ސިޓީގެ ހޮސްޕިޓަލަކަށް ގެންދެވުނު އިރު ވެސް އޭނާގެ ހާލު ދަނީ ގޯސްވަމުންނެވެ. އެކަމަކު ޑެންގީ އާއި މެލޭރިއާ އަށް އޭނާ ހެދި ޓެސްޓުތައް ނެގެޓިވް އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އޭނާ ވަނީ ސީސީއެޗްއެފް ވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެން އައިސީޔޫއަށް ބަދަލުކޮށްފަ އެވެ. ޖެހިގެން އައި ދުވަހު އޭނާ ވަނީ މަރުވެފަ އެވެ.
ހުޅަނގު ދެކުނުޕްރޮވިންސް ބަލޫޗިސްތާނުގެ ވެރިރަށް ކުއެޓާގައި މިދިޔަ އާދީއްތަ ދުވަހު ވަނީ ކޮންގޯ ރޯގާ ޖެހިގެން އުމުރުން 20 އަހަރުގެ އަންހެނަކު މަރުވެފަ އެވެ.
ބަލޫޗިސްތާނުގެ ސަރުކާރުގެ ސިއްހީ އޮފިޝަލެއް ކަމަށްވާ ޑރ ލާލް ޖާން އަލްޖަޒީރާއަށް ވިދާޅުވީ އެ އަންހެން މީހާ ކުއެޓާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކުރީ މިދިޔަ ހަފުތާގައި ކަމަށެވެ.
ޖެނުއަރީ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރު ފެށުނީއްސުރެ ބަލޫޗިސްތާނުން ސީސީއެޗްއެފް ވައިރަހަށް ޖުމްލަ 16 މީހަކު ޕޮސިޓިވްވެފައިވާ އިރު އޭގެ ތެރެއިން 11 މީހަކު މި މަހު ވަނީ ފެނިފަ އެވެ.
"ޝައްކު ކުރެވޭ އެއްވެސް ކޭސްއެއްގެ ޓެސްޓުތައް ހަދަމުން އަންނައިރު، ފަރުވާ ދިނުމާއި ހޭލުންތެރިކަން ފެތުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން. މި ބައްޔަކީ ޖަނަވާރުންގެ ސަބަބުން ޖެހޭ ބައްޔަކަށް ވާތީ، އަޅުގަނޑުމެންގެ ލައިވްސްޓޮކް ޑިޕާޓްމަންޓުން ދަނީ ޕްރޮވިންސަށް ވަންނަ ޖަނަވާރުތައް ޑީވޯމްކޮށް ފަރުވާ ކުރުމުގެ މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ.
ޖަން ވިދާޅުވި ގޮތުގައި އެ ޕްރޮވިންސްގެ ސަރުކާރުގެ ހޮސްޕިޓަލެއްގައި މި ބައްޔަށް ފަރުވާ ދެމުން އަންނަނީ ހަތަރު މީހަކަށެވެ.