އެމްޑީޕީއަކީ ސިޔާސީ ޕާޓީއެކޭ ބުނެވޭކަށް ނެތް، ފެންނަމުންދަނީ ނުބައި ނުލަފާ ކަންތައްތައް ކުރަމުންދާ ތަން: އަމްރު
އެމްޑީޕީއަކީ ސިޔާސީ ޕާޓީއެކޭ ބުނެވޭކަށް ނެތް ކަމަށާއި ފެންނަމުންދަނީ ނުބައި ނުލަފާ ކަންތައްތައް ކުރަމުންދާ ތަން ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު މިފަދައިން ވިދާޅުވީ ރައީސް ނަޝީދުގެ ފެކްޝަންގައި އިސްބޭފުޅުންތަކެއް އެމްޑީޕީން ވަކިވުމާއި ގުޅިގެން ފިކުރެއްގެ ދިރުން ސިޔާސީ ހަރަކާތުން މިހާރު ބާއްވަމުންގެންދަވާ ނިއުސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމްރު ވިދާޅުވީ ރައްޔިތުންނަށް ތަނަވަސް ދިރިއުޅުމެއް ހޯދައިދިނުމަށް ވަރަށް ބޮޑު ފުރުސަތެއް ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް ފެންނަަމުން ދަނީ އިންތިޒާމްވެގެން ހިންގޭ ސިޔާސީ ހަރަކާތްތައް ހިންގުމުގެ ބަދަލުގައި ރައްޔިތުންގެ ފައިސާއިން ވައްކަން ކުރާ މަންޒަރު ކަމަށެވެ.
“ދައުލަތުގެ ބައިތުލްމާލު ހުސްކޮށްލުމާއި ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑު ކުރުމާއި ރައްޔިތުން ބިކަކޮށް ނިކަމެތި ކުރުމާއި ވަކި ބަޔަކަށް ނޫނީ ވަކި މީހަކަށް ތާއީދު ނުކުރަނީ ކަމަށް ވިއްޔާ ވަޒީފާގެ ބިރު ދެއްކުމާއި މިކަހަލަ ނުބައި ނުލަފާ ކޮށްގެން ނުވާނެ ހުރިހާ ކަމެއް ކުރަމުންދާ ތަން” އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ މިއަދު އެމްޑީޕީއަކީ ސިޔާސީ ޕާޓީއެއްގެ ސިފަ ގެއްލި، އެހެން މަސައްކަތްތަކެއް ކުރާ ބައެއް ކަމަށެވެ. އަދި އެމްޑީޕީ އަކީ ސިޔާސީ ޕާޓީއެކޭ ބުނެވޭކަށް ނެތް ކަމަށާއި ޕާޓީން ވަކި ވާން ޖެހުނީ ވަރަށް ގިނަ ސަބަބުތަކެއް ހުރުމުން ކަމަށް އަމްރު ވިދާޅުވިއެވެ.