އައްޑޫ ސިޓީގެ ހިތަދޫގެ ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް

އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ މާކޯޅި ނަމަކަށް ކިޔާ ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް ސެންޓަރުން ކުރީ ޓުވީޓެއްގައި ބުނެފައިވަނީ، ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި އެގެއަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ސަބަބުން އެގޭގައި ދިރިއުޅެމުންދިޔަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ ސެންޓަރާއި އައްޑޫ ސިޓީގެ ކައުންސިލާއި ގުޅިގެން ކުރިޔަށް ގެންދާ ކަމުގައެވެ.
މި ގޭގައި ރޯވާން މެދުވެރިވީ ސަބަބެއް ރަސްމީ ފަރާތްތަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މި ހާދިސާގައި ތިން ކުޑަކުދިންނާއި އަންހެނަކަށް އަނިޔާވެފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މިފަރާތްތަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދީފައި ވެއެވެ.