ދުނިޔެ

ހަނގުރާމައެއް ކުރާކަށް އިޚްތިޔާރެއް ނުކުރެވޭނެ: ޓައިވާންގެ ރައީސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާ އާ ދެކޮޅަށް ހަނގުރާމައަކަށް ދިއުމަކީ އިޚްތިޔާރުކުރެވޭނެ ކަމެއް ނޫންކަމަށް ޓައިވާންގެ ރައީސް ސައި އިންގ-ވެން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ހޮނިހިރު ދުވަހު، ޓައިވާންގެ ރައީސް ސައި ވަނީ އެގައުމުން ޗައިނާއާއެކު ގެންގުޅެމުންދާ ސުލްހައިގެ 'ސްޓޭޓަސް ކުއޯ' ދަމަހައްޓައި ޓައިވަން ކަނޑުއޮޅީގެ ސުލްހަ ދަމަހައްޓާނެކަމަށް ވިދާޅުވެފައެވެ. ސައި މިހެން ވިދާޅުވެފައި މިވަނީ ޓައިވާނަކީ ޑިމޮކްރަޓިކް، ވަކި ދައުލަތެއްގެ ގޮތުގައި ހެދުމަށް އެގަމުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން، އެސަރަހައްދުގައި ޗައިނާ އަސްކަރިއްޔާގެ ހަރަކާތްތައް އިތުރުވެ، ދެގައުމުގެ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރުވެފައިވާ ދަޑިވަޅެއްގައެވެ.

އެކަމަނާގެ ސަރުކާރަށް ހަތް އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށް، ރައީސް އޮފީހުގައި ވާހަކަދައްކަވަމުން ސައި ވަނީ ދެގައުމުގެ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ގޯސްކޮށް، ޗައިނާއަށް ޕްރެޝަރުކޮށް، ހަނގުރާމައެއް ފެށުމަށް އެކަމަނާ މަގުފަހުނުކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ޗައިނާއިން ގަބޫލުކުރާ ގޮތުގައި ޓައިވާނަކީ، އެގައުމުގެ 'ވަން-ޗައިނާ ޕޮލިސީ'ގެ ދަށުން އެގައުމުގެ ބައެކެވެ. އަދި ޓައިވާނުން އެގައުމުން ވަކިވެ، ވަކި ދައުލަތެއް އުފެއްދުމަށް ފުރުސަތު ނުދޭނެ ކަމަށާއި އެކަން ހުއްޓުވުމަށް އަސްކަރީ ބާރު ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި އެކަމަށްވެސް ތައްޔާރުކަމަށް ޗައިނާއިން ވަނީ ބުނެފައެވެ.

ޓައިވާންގެ މިނިވަންކަމާ ޑިމޮކްރަސީ ދިފާއުކުރުމަށް ސައި ތަކުރާރުކޮށް ވައުދުވަމުން ގެންދެވި ނަމަވެސް، ޗައިނާއިން ވަނީ ޓައިވާނުން މިހާރު ކުރަމުންދާ ޑިމާންޑުތަކާ ގުޅިގެން ސައި އާއެކު މަޝްވަރާގެ ބައްދަލުވުންތައް ބާއްވަން ދެކޮޅުހަދާފައެވެ. ޗައިނާއިން ގަބޫލުކުރާ ގޮތުގައި ސައި އަކީ 'ސެޕަރޭޓިސްޓް'އެކެވެ.

ރައީސް އޮފީހުގައި ވާހަކަދައްކަވަމުން، ހަނގުރާމައަކަށް ދިއުމަކީ އިޚްތިޔާރުކުރެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެ، ސައި ވަނީ ޓައިވާން ސަރަހައްދުގެ ސުލްހަ އާއި ހަމަޖެހުމަށް ހުރަސް އެޅޭނެފަދަ އެއްވެސް ކަމެއް ކުރުމަކީ ދެގައުމުން ކުރެ އެއް ގައުމަކަށްވެސް ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވެފައެވެ. އަދި ޓައިވާން ސްޓްރެއިޓްގެ ސުލްހަ ދެމެހެއްޓުމަކީ ޓައިވާން އަދި ދުނިޔެއަށްވެސް އެންމެ ރަނގަޅު ވާނެގޮތް ކަމަށްވެސް ސައި ވަނީ ވިދާޅުވެފައެވެ.

ޓައިވާން އޮތީ ބިރުވެރިކަމެއްގެ ތެރޭގައި ނަމަވެސް، އެގައުމަކީ މުޅި އެސަރަހައްދާ ދުނިޔެ، ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލާނެ ގައުމެއް ނޫންކަމަށް ސައި ވިދާޅުވިއެވެ. އަދި ޓައިވާން ދެމި އޮންނާނީ ޑިމޮކްރަޓިކް ގައުމުތަކާ ގުޅިގެން ސުލްހަވެރިކަމާއެކު މިފަދަ ބިރުވެރިކަން ނައްތާލަން މަސައްކަތްކުރާ ގައުމެއްގެ ގޮތުގައިކަމަށް ސައި ވަނީ ވިދާޅުވެފައެވެ.

ޓައިވާނުން މިހާރު ތައްޔާރުވަމުންދަނީ އަންނަ ޖެނުއަރީ މަހުގެ މެދުތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އެގައުމުގެ ރިޔާސީ އިންތިހާބަށެވެ.

މިހާރުގެ ސަރުކާރާ އިދިކޮޅު މައި ޕާޓީގެ ގޮތުގައި އޮތީ ކޫމިންޓަންގް ޕާޓީ (ކޭއެމްޓީ) އެވެ. އެޕާޓީގެ ފަރާތުން ވާހަކަދައްކަވަމުން، ނިއު ޓައިޕޭ ސިޓީގެ މޭޔަރު ހުއޯ ޔޫ-އީ ވަނީ ސައިގެ ވެރިކަމުގައި ޓައިވާނަށް ވަނީ ސުލްހަ ނޫނީ ހަނގުރާމައިގެ ތެރެއިން ކޮންމެސް އެއް ކަމެއް އިޚްތިޔާރުކުރަން މަޖުބޫރުކޮށްފައިކަމަށާއި ކޭއެމްޓީ އަށް ވެރިކަން ލިބިއްޖެނަމަ، މަޝްވަރާތައްކޮށް ސަރަހައްދުގެ ސުލްހަ ދަމަހައްޓާނެކަމުގެ ޔަގީންކަން ދޭކަމަށް ވިދާޅުވެފައެވެ.

ހަނގުރާމައަށް އޮތް ބިރަކީ ސުލްހަޔަށް އެގައުމުން ކުރާ މަސައްކަތްތަކަށް އެޅޭނެ ހުރަކަށް ވިޔަ ނުދޭނެކަމަށާއި ޓައިވާންގެ ރަސްމީ ނަން، ރިޕަބްލިކް އޮފް ޗައިނާ ދިފާއުކުރާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ކޭއެމްޓީ އަކީ ޗައިނާ އާއެކު އޮންނަ ގުޅުން، ވަރުގަދަކޮށް، ހަރުދަނާކޮށް ބާއްވަން ބޭނުންވާ ޕާޓީއެކެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ޓައިވާންގެ ސަރުކާރު ހިންގާ ޕާޓީ، ޑިމޮކްރަޓިކް ޕްރޮގްރެސިވް ޕާޓީގެ ފަރާތުން ވާދަކުރައްވާނީ އެގައުމުގެ މިހާރުގެ ނައިބު ރައީސް ވިލިއަމް ލައި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!