ނައީމާ މަރާލަން ބޭނުން ކުރި ހަތިޔާރާއި އެކަމުގައި ބައިވެރިވި މީހުން ލައިގެންތިބި އަންނައުނު ހޯދައިފި
ނ. މަނަދޫގައި ނައީމާ މޫސާ މަރާލަން ބޭނުން ކުރި 2 ހަތިޔާރާއި އެކަމުގައި ބައިވެރިވި މީހުން ލައިގެންތިބި އަންނައުނު ހޯދައިފިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެންމެ ވިދާޅުވީ ނައީމާ މަރާލުމަށް ބޭނުންކުރިކަމަށް ބެލެވޭ ތޫނު 2 ހަތިޔާރު އަދިި ހަމަލާދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެންތިބި އަންނައުނު، ވަޅުގަނޑެއް ކޮނެ އެތަކެތި އަޅާފައިވާ ކަމަށެވެ. އަދި އެ ތަކެތި ވަޅުލާފައިވަނީ އަންދާލުމަށްފަހު ކަމަށާއި ފުލުހުން އެތަން ކޮނެ އެތަކެތި ނަގާފައިވާ ކަމަށް ހަމީދު ވިދާޅުވިއެވެ.
ހަމީދު ވިދާޅުވީ ނައީމާ މަރާލި މައްސަލައިގެ ތަހްޤީޤަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށެވެ. އަދި މިމައްސަލާގައި ތުހުމަތުކުރެވޭ ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު އެބަތިބި ކަމަށް ހަމީދު ވިދާޅުވިއެވެ.
”މައްސަލައިގެ ތަޙްޤީޤަށް މުހިންމު ހެކިތަކެއް ހުރިކަމަށް ބެލެވޭ ތަނެއް ފުލުހުން ބަލާ ފާސްކުރަމުން އެބަދޭ” ހަމީދު ވިދާޅުވިއެވެ.
މީގެ އިތުރުން މަރުގެ މައްސަލަ ތަޙްޤީޤު ކުރުމުގެ ތަޖުތިބާކާރު، އިންސްޕެކްޓަރ މުހައްމަދު ސާމިހް އިސްކޮށް ހުރެ މާލެއިން ދިޔަ ޓީމާއި ނ. އަތޮޅުގެ ފުލުހުން، މިމަރުގެ ހަޤީޤަތް ހޯދާ އިންސާފު ޤާއިމްކުރުމަށް ކުރަމުންދާ ބުރަ މަސައްކަތް ފަޚްރުވެރިކަމާއެކު ފާހަގަކުރާ ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.
ނައީމާގެ ޚަބަރެެއް ނުވެގެން، އޭނާގެ ޢާއިލާއިން ފުލުހުންނަށް ރިޕޯޓު ކުރީ މިދިޔަ މަހުގެ ތެރޭގައެވެ. ފުލުހުން ވިދާޅުވީ، އޭނާގެ ހަށިގަނޑު ފެނުނީ، ދިރިއުޅޭ ކޮޓަރީގެ ތަޅުންގަނޑު މަތީގައި އޮއްވައެވެ.
ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ނައީމާގެ ހަށިގަނޑުގެ 21 ތަނަކަށް ވަޅި ހަރާފައި ހުއްޓެވެ. އެކަނި ދިރިއުޅޭ ނައީމާގެ ފިރިއަކު ނެތްއިރު، ތިން ދަރިންވެސް ދިރިއުޅެނީ އޭނާއާ ވަކިންނެވެ.
ނައީމާ އަކީ ސިހުރު ހަދާ މީހެއް ކަމަށް އެ ރަށު ބައެއް މީހުން ތުހުމަތު ކުރެއެވެ. ނަމަވެސް މިއީ ސާބިތުހިފޭ ވާހަކައެއް ނޫނެވެ.