ޚަބަރު

ރައީސް ޔާމީން މިއަދު ވެސް ފުލުހަށް ހާޒިރުކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

Ads by STELCO

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑާއިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރުކުރަން އަންގާފައިވަނީ މިއަދު މެންދުރު 13:00 ގައި ކަމަށެވެ.

ޖަމީލް ވިދާޅުވީ މުޅި ރާއްޖޭއަށް ރޭގައި ލިބުނީ ބޮޑު ސިހުމެއް ކަމަށާއި، އަދި މިފަދަ ދަނޑިވަޅަކީ އެކަކު އަނެކަކަށް ހަމްދަރުދީވާންޖެހޭ ވަގުތެއް ކަމަށެވެ.

"ނަމަވެސް ފުލުހުންގެ އިދާރާއިން އަވަސް ވެގަތީ މިއަދު އަނެއްކާވެސް ރައީސް ޔާމީން ތަހުގީގަށް ހާޒިރު ކުރަން. މިއަށްވުރެން މުހިއްމު ކަމެއް ހަމަ ނެތީތޯ." ޖަމީލު ސުވާލު ކުރެއްވިއެވެ.

ރައީސް ޔާމީންވަނީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުވެސް ފުލުހަށްވަނީ ހާޒިރުކޮށްފައެވެ. އެމަނިކުފާނު ފުލުހަށް ހާޒިރުކޮށްފައިވަނީ، ރ. ފުއްގިރި މައްސަލާގައި ސުވާލުކުރުމަށެވެ. އެގޮތުން ފުލުހުން ވަނީ އެ ރަށް ކުއްޔަށް ދީގެން ރައީސް ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނެންގެވި ކަމަށް ތުހުމަތު ކޮށްފައެވެ.

ފުލުހުން ބުނީ ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި 1،118،000 ޔޫއެސް ޑޮލަރު ނަގައި އަމިއްލަ ފަރާތްތަކާއި ކުންފުނިތައް ބޭނުން ކޮށްގެން ލޯންޑާ ކުރުމުގެ ތުހުމަތުގައި ރައީސް ޔާމީނާއި ސުވާލު ކުރައްވާފައިވާ ކަމަށެވެ.

މީގެއިތުރުން ޓޫރިޒަމް މިނިސްޓްރީއާ އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ފަޅުތަކާއި ރަށްތައް ކޮރަޕްޝަންގެ އަމަލު ހިމެނޭގޮތަށް އެކިފަރާތްތަކަށް ކުއްޔަށް ދޫކުރުމަށްފަހު، އެރަށްތަކާއި ފަޅުތަކުގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު 77،504،912 ޑޮލަރަށް ހިޔާނާތްތެރިވެ އެފައިސާ ލޯންޑާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެންވެސް އެމަނިކުފާނާއި ސުވާލު ކުރެވިގެން ދިޔަ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!