ފުރަތަމަ ދުވަހުން ފެށިގެން ވެސް، ޖަލުތަކުގެ ކަންކަން ރަނގަޅު ކުރަން މިދަނީ މަސައްކަތް ކުރަމުން: ނައިބު ރައީސް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އިންތިޒާމުކޮށްގެން ބޭއްވި ކ. މާފުށީ ސްކޫލުގައި "އިންމޭޓް ކްރިއޭޓިވިޓީ ފެއަރ 2023" ރަސްމީގޮތުން ހުޅުވައިދެއްވައިފިއެވެ.
މި ފެއާ ހުޅުވައިދެއްވައި، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ޖަލުތަކުގެ ކަންކަން ރަނގަޅުކުރުމަށާއި ޤައިދީންގެ ކަންކަން ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމުގައި ވިދާޅުވިއެވެ.
އެގޮތުން ޤައިދީން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށް އަމާޒުކޮށް، ހުނަރުތައް ދަސްކޮށްދިނުމާއި، ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުންފަދަ ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރިޔަށްގެންދާކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އެމަނުފާނުގެ ވާހަކަފުޅުގައި، ކުށްތަކާ ދުރު، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
މި ފެއަރގެ މަޤްޞަދަކީ ގައިދީން ރިހެބިލިޓޭޓްކޮށް މުޖުތަމަޢަށް ރަނގަޅު ބައެއްގެ ގޮތުގައި ނެރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ޤައިދީންނަށް ތަފާތު އެކިއެކި ހުނަރުތައް ދަސްކޮށްދީ އެ ހުނަރުތައް އާންމުންނަށް ދައްކާލުމެވެ.
މި ޖޫން މަހުގެ އެއް އަދި ދެ ވަނަ ދުވަހު ކުރިޔަށްގެންދާ އިންމޭޓް ކުރިއޭޓިވިޓީ ފެއަރގައި ސާޅީހަށްވުރެ ގިނަ ގައިދީން ބައިވެރިވެއެވެ.
ފެއަރގައި އަތްތެރި މަސައްކަތްތެރިކަމުގެ 800 އުފެއްދުމަކާއި ކުރެހުންތަކާއި 2400 ގަސްގަހާގެއްސާއި ތަރުކާރީގެ ބާވަތްތައް ބައިވެރިކޮށްފައިވެއެވެ.
މިފެއަރ ހުޅުވައިދެއްވުމަށްފަހު ނައިބު ރައީސް ވަނީ ފެއަރގެ އުފެއްދުންތައް ބައްލަވައިލައްވާފައެވެ.