ދުނިޔެ

ޕާކިސްތާނުގައި އިމްރާން ޚާންއަށް ތާއީދުކުރާ ފަރާތްތައް ހައްޔަރު ކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އިރުމަތީގެ ސިޓީއެއް ކަމަށްވާ ލާހޯރުން ހައްޔަރުކުރިތާ އެއް ދުވަސް ފަހުން އެ ޕާޓީއާ އެކު ތެދުވާނެ ކަމަށް އެ ޕާޓީގެ އިސް އޮފިޝަލަކު ވައުދުވެވަޑައިގެންފި އެވެ.

Ads by Sosun Fihaara

"ޕީޓީއައިގެ ހުރިހާ މަސައްކަތްތެރިންނަށް އަޅުގަނޑުގެ މެސެޖަކީ ތިޔަ ބޭފުޅުން ތިއްބެވީ ކަނާތް ފަރާތުގައި. ތިޔަބޭފުޅުން ތިއްބެވީ ޕާކިސްތާނަށްޓަކައި. ހަރުދަނާކަމާއެކު ދެމިތިބޭށެވެ. ތިޔަބޭފުޅުން ފަހަތަށް ޖެހިވަޑައެއް ނުގަންނަވާނެ،" ލާހޯރުގެ ކޯޓަކަށް ހާޒިރުކުރުމުން އޭނާގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީން މިދިޔަ ހުކުރު ދުވަހު ނެރުނު ވީޑިއޯ މެސެޖެއްގައި ޗައުދަރީ ޕަރްވޭޒް އެލާހީ، 77، ވިދާޅުވި އެވެ.

ޕީޓީއައިގެ ރައީސް އިތުރަށް ވިދާޅުވީ އަޅުގަނޑަކީ މުޅިން ކުށެއް ނެތް މީހެއް ކަމަށާއި ޝަރުއީ ދާއިރާއަށް އިތުބާރު ކުރައްވާ ކަމަށެވެ.

ޕަންޖާބު ޕްރޮވިންސްގެ ކުރީގެ ޗީފް މިނިސްޓަރުކަން ދެ ފަހަރެއްގެ މަތިން ކުރައްވާފައިވާ އެލާހީގެ ޕްރޮޓެކްޓިވް ބެއިލް މިދިޔަ ހަފުތާގައި ލާހޯރު ކޯޓުން ބޭރުކޮށްލުމާ ގުޅިގެން ކޮރަޕްޝަންގެ ތުހުމަތުގައި އޭނާ ދިރިއުޅުއްވާ ގެއިން ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. މިދިޔަ ހުކުރު ދުވަހު ކޯޓުން ވަނީ އެލާހީ ދޫކޮށްލުމަށް އަމުރުކޮށްފައި ވީ ނަމަވެސް، ކޮރަޕްޝަންގެ އެހެން މައްސަލައަކާ ގުޅިގެން ފުލުހުން އޭނާ އަލުން ހައްޔަރުކުރިތާ މާ ގިނަ އިރުތަކެއް ނުވަނީހެވެ.

އޮފިޝަލުން ބުނީ ޕަންޖާބުގެ ލާހޯރުގެ އުތުރުން ގާތްގަނޑަކަށް 125 ކިލޯމީޓަރު (77 މޭލު) ދުރުގައި އޮންނަ އޭނާގެ އުފަން ރަށް ގުޖުރާތުގެ ތަރައްގީއަށް ބޭނުންވާ އެތައް މިލިއަން ރުޕީސްއަކަށް އެލާހީ ހިޔާނާތްތެރިވި ކަމުގެ ތުހުމަތު ކުރެވޭ ކަމަށެވެ.

ނަމަވެސް އެލާހީ ވަނީ އެ ދައުވާއަށް އިންކާރުކޮށްފަ އެވެ. ޕީޓީއައި އިން ބުނީ އޭނާ ހައްޔަރުކުރީ ސިޔާސީ މަގްސަދެއްގައި ކަމަށާއި، އެ ޕާޓީގެ ގިނަ އަދަދެއްގެ ލީޑަރުން ހައްޔަރުކޮށް، ގާތްގަނޑަކަށް 90 އެއްހާ މީހުން ޕާޓީން ވަކިވެފައިވާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!