ޚަބަރު

ނަމޫނާ ދެއްކެވުމުގެ ގޮތުން ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވާ

ދެން އެމްވީ ، ދެން އޮންލައިން

މުޅި ދުނިޔޭގައި ވެސް ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާގެ އަސަރު ރާއްޖެއަށް ވެސް ކޮށް ދެމީހަކު އެބައްޔަށް ޕޮސިޓިވްވެފައިވުމާއެކު ރާއްޖެއަށް ކުރިމަތިވެފައި މިވަނީ ވަރަށް ޚާއްޞަ ހާލަތެއް ކަމަށާއި މިއީ ސިޔާސީ ފަރާތްތައް ވެސް ޒާތީ ތައައްސަބުން އެކަހެރިވެ އެއްބައިވަންތަކަން އިސްކުރަންވީ ވަގުތު ކަމަށާއި އެކަމުގެ ނަމޫނާ ދެއްކެވުމުގެ ގޮތުން ރައީސް ޔާމީންގެ ޖަލުގައި ހުންނެވި ހުރުން ނިމުމަކަށް ގެނެސް ގެއަށް ބަދަލުކޮށްދިނުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.

Ads by STELCO

މިއަދު އިދިކޮޅު ކޯލިޝަނުން ބޭއްވި ޕުރެސްއެއްގައި ޕީޕީއެމް އަދި ޕީއެންސީގެ އިދިކޮޅު ކޯލިޝަން މިވަގުތު ލީޑު ކުރައްވާ ޕީއެންސީގެ ރައީސް ޢަބުދުއްރަޙީމް ޢަބުދުﷲ ވިދާޅުވީ މި ދަނޑިވަޅަކީ ސިޔާސީ ވާދަވެރިކަމަށްވުރެ ބޮޑަށް މުޅި ގައުމުގެ މަސްލަހަތު އިސްކުރަންވީ ވަގުތު ކަމަށާއި އެހެން ކަމުން ސަރުކާރުން ވެސް އިހްސާންތެރިކަން އިސްކޮށް ރައީސް ޔާމީން ގެއަށް ބަދަލުކޮށް ދެއްވުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ. އަދި މި ދަނޑިވަޅަކީ އެއްބައިވަންތަކަން ދެއްކެވުމަށް ރައީސް ސޯލިހަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ފުރުސަތެއް ކަމަށާއި މި ފުރުސަތުގެ ބޭނުން ހިއްޕަވާ ނަމޫނާ ދެއްކެވުމުގެ ގޮތުން ރައީސް ޔާމީން މިހާރުން މިހާރަށް ގެއަށް ބަދަލު ކުރެއްވުމަށް އެދި ވަޑައިގަންނަވާ ކަމަށް ޢަބުދުއްރަހީމް ވިދާޅުވިއެވެ.

ޢަބުދުއްރަހީމް ވިދާޅުވީ މާޒީގައިވެސް ދިމާވި މިފަދަ ހިތާމަވެރި ހާލަތްތަކުގައި އޭރުގެ ރައީސުން ނަމޫނާ ދެއްކެވި ކަމަށެވެ. އެގޮތުން ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ކުރިމަތިވި ކޮލެރާއާއި ރައީސް މައުމޫންގެ ވެރިކަމުގައި ކުރިމަތިވި ސުނާމީ ކާރިސާގައި އެބޭފުޅުން ގައުމީ އެއްބައިވަންތަކަން އިސްކޮށް ނަމޫނާ ދެއްކެވި ކަމަށް ވިދާޅުވިއެވެ.

'ސުނާމީ ކާރިސާ ކުރިމަތިވެގެން ދިޔައިރު ރާއްޖޭގެ ސިޔާސީ ފަރާތްތައް ޖަލުގައި ތިބި ، އެހެން ނަމަވެސް ރައީސް މައުމޫން އިސްކަން ދެއްވީ ގައުމީ ވިސްނުމަށް، އިސްކަން ދެއްވާ އޮނަރަބަލް ގާސިމް އިބްރާހީމްމެން ފަދަ ބޭފުޅުން މިނިވަން ކުރެއްވި ، މިނިވަން ކުރެއްވުމާއެކީގައި ފެނިގެން ދިޔައީ ސުނާމީއިން އަރައިގަތުމަށް ކުރި މަސައްކަތުގައި އޮނަރަބަލް ގާސިމް އިބްރާހީމްގެ އެހީތެރިކަން ވެސް ލިބިގެން ދިޔުން، އެއީ އެދުވަހު ރައީސް މައުމޫން އަމަލު ކުރެއްވި ގޮތުން'' ރައީސް ޔާމީން ޖަލުގައި ހުންނަވާތާ 100 ދުވަސް ފުރޭ މި ދުވަހު ޢަބުދުއްރަހީމް ވިދާޅުވިއެވެ.

ޢަބުދުއްރަހީމް ވިދާޅުވީ ކޮރޯނާއާ ދެކޮޅަށް ސަރުކާރުން ކުރައްވާ ހުރިހާ މަސައްކަތަށް އިދިކޮޅު ކޯލިޝަންގެ ފުރިހަމަ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ރައީސް ޞޯލިހަށް އަރުވާފައިވާ ކަމަށާއި އެކަން އަމަލީ ގޮތުން ދެއްކެވުމުގެ ގޮތުން ޕީޕީއެމްގެ ކެމްޕޭން ދަތުރުތައް ވެސް ހުއްޓާލާފައިވާ ކަމަށެވެ. އަދި އެންމެ ފުރަތަމަ ކެމްޕޭން ހަރަކާތްތައް ހުއްޓާލި ޕާޓީއަކީ ވެސް ޕީޕީއެމް ކަމަށް ޢަބުދުއްރަޙީމް ވިދާޅުވިއެވެ.

ޢަބުދުއްރަޙީމް ވިދާޅުވީ މިއަދު ވެސް ރައީސް ޔާމީން ޕޮލިހަށް ހާޟިރުކުރަން އަންގާފައި އެބައޮތް ކަމަށާއި ، ތަހުގީގު ކުރަން ޖެހޭ މައްސަލައެއް ތަހުގީގު ނުކުރުމަށް ނުދަންނަވާ ކަމަށާއި އެހެން ނަމަވެސް މިވަގުތު އިސްކަން ދެއްވަންވީ އެއްބައިވަންތަކަން އިސްކޮށް ޒާތީ ތައައްސުބުން ދުރުވުމަށް ކަމަށެވެ. ަ

ކޮރޯނާގެ ވައިރަސް ރާއްޖެއިން ވެސް ފެނި މިހާތަނަށް ދެމީހަކު ވަނީ އެބައްޔަށް ޕޮސިޓިވް ވެފައެވެ. މި ބަލި ރާއްޖެއިން ވެސް ފެނުމާއެކު އެމްޑީޕީގެ ކެމްޕޭން ހަރަކާތްތައް ވެސް ވަނީ ހުއްޓާލާފައެވެ. ހަމަ އެގޮތަށް ޖުމްހޫރީ ޕާޓީން މިމަހު 13 ވަނަ ދުވަހު ބާއްވަން ހަމަޖެއްސި ޖަލްސާވެސް ވަނީ ކެންސަލްކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!