ޚަބަރު

ރާއްޖެ އައި ޕާކިސްތާނު މީހެއްގެ އަތުން 13 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ވައިގެ މަގުން ޕާކިސްތާނުން ރާއްޖެއައި ޕާކިސްތާނުގެ ފަސިންޖަރެއްގެ އަތުން 10 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

Ads by STELCO

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވީ، މިތަކެތި އަތުލައިގަނެފައިވަނީ މިއަދު ޕާކިސްތާނުގެ ފައިސަލް އާބާދުން ރާއްޖެ އައި ޕާކިސްތާނުގެ އުމުރުން 25 އަހަރުގެ ފިރިހެނެއްގެ އަތުންކަމަށެވެ.

މި ތަކެތި އަތުލައިގަނެފައިވަނީ އޭނާއާމެދު ޝައްކުކުރެވިގެން ސުވާލުކޮށް، ބަލައިފާސްކުރުމުގެ ތެރެއިންނެވެ.

ކަސްޓަމްސްއިން ވިދާޅުވީ އެތަކެތި ބަލައިފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނުމުން، އެތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓްމްސްއިން ތަޙުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިން އަށް ޕޮޒިޓިވްވެފައިވާކަމަށެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 10.14 ކިލޯ ހުރިކަމަށް އެ ސަރވިސްއިން ވިދާޅުވެއެވެ. އަދި މިތަކެތީގެ މަގުމަތީގެ އަގު 13 މިލިއަން ރުފިޔާއަށްވުރެ މަތިވާނެކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!