ޚަބަރު

އަމާޒަކީ ހަކަތަ އުފެއްދުމަށް ތެލަށް ބަރޯސާވުން ނިމުމަކަށް ގެނައުން: ރައީސް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މި ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖޭގައި ހިންގެމުންދާ މަޝްރޫޢުތަކުގެ މައްޗަށްވެސް ވަނީ ބައްލަވައިލައްވާފައެވެ.

Ads by Sosun Fihaara

އެގޮތުން އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ، 2030 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖެއަކީ ނެޓްޒީރޯ ޤައުމަކަށް ވުމަށް ހިފާފައިވާ އަމާޒަށް ވާޞިލްވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

މިގޮތުން މި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި، 36 މެގަވޮޓްގެ ކަރަންޓް އަވިން އުފެއްދޭނެ ނިޒާމްތައް ޤާއިމްކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެމިންވަރަށް އެކަން ހިނގުމުން ވެސް، ކަރަންޓް އުފެއްދުމުގައި 17 މިލިއަންލީޓަރުގެ ޑީސަލް އަދި 270 މިލިޔަންރުފިޔާ ސަލާމަތްކުރެވޭކަމަށެވެ.

އަދި މިހާރު އިތުރު 113 ރަށެއްގައި އަވިން ހަކަތަ އުފައްދާ ނިޒާމްތައް ޤާއިމްކުރުމުގެ މަސައްކަތްތައް އެކި މަރުޙަލާތަކުގައި ހިނގަމުންދާކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙު ވާހަކަފުޅުގައި ވަނީ، ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ މައިގަނޑު މައްސަލަތަކުގެ މައްޗަށްވެސް އަލި އަޅުއްވައިލައްވައިފައެވެ.

މިގޮތުން ކުނީގެ މައްސަލައާ ސިންގަލް ޔޫސް ޕްލާސްޓިކްގެ މައްސަލައާ، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

މިމޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ރައްކާތެރިގޮތުގައި ކުނިމެނޭޖުކުރުމަށާއި ކުނިނައްތާލުމަށް ކުރެވެމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، ސަރުކާރުގެ އަމާޒަކީ ރާއްޖެ ސިންގަލް ޔޫސް ޕްލާސްޓިކް އެގޮތަކަށްވެސް ބޭނުން ނުކުރާ ޤައުމަކަށް ބަދަލުކުރުން ކަމަށް ވިދާޅުވިއެވެ. އަދިން ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ސަރުކާރުން އެކަށައަޅައި ތަންފީޒްކުރަމުން އަންނަ ސިޔާސަތުގެ ދަށުން 13 ބާވަތެއްގެ ޕްލާސްޓިކް މަނާކުރުމާއި ގުޅިގެން ރާއްޖެ އެތެރެކުރެވޭ ޕްލާސްޓިކް ކޮތަޅުގެ ނިސްބަތް 50 އިންސައްތަ މަދުކުރެވިފައިވާކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކާއި ގުޅޭގޮތުން ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކުރަންޖެހިފައި އޮތް ކަމަކީ، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، މޫސުމީ ބަދަލުތަކަށް ތައްޔާރުވެ ތިބުންކަމަށެވެ.

މީގެ އިތުރުން ކުރިމަގުގައި މޯލްޑިވްސް ގްރީންފަންޑުން ކަނޑައެޅޭ ވަކި މިންވަރެއް ތިމާވެށި ޙިމާޔަތްކުރުމުގެ މަސައްކަތްތަކަށާއި، އެ ދާއިރާއިން އިންސާނީ ވަސީލަތްތައް ބިނާކުރުމަށާއި، މުއައްސަސާތަކުގެ ޤާބިލްކަން އިތުރުކުރުމަށާއި، ރިސާޗް އެންޑް ޑިވެލޮޕްމެންޓް މަސައްކަތްތައް އަދި ތިމާވެށީގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާ ޖަމާޢަތްތަކަށް އެހީތެރިވުމަށް ބޭނުންހިފާނެ ގޮތްތަކެއް ބެލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރޭގެ ޖަލްސާގައި ވަނީ، މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިއާރުކަމުގައިވާ "ބީޓް ޕްލާސްޓިކް ޕޮލިއުޝަން" މިޝިއާރުގެ ދަށުން ސްކޫލުތަކަށް ހުޅުވާލައިގެން ބޭއްވި، ވީޑިއޯ އުފެއްދުމުގެ މުބާރާތުން ހޮވުނު އެންމެ މޮޅު 3 ވީޑިއޯ ދައްކާފައެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ޖޫންމަހުގެ 5 ވަނަ ދުވަސް ފާހަގަކުރުމަށް އދ. އިން ނިންމާފައި ވަނީ، 1972 ވަނަ އަހަރުއެވެ. މިއަހަރަކީ، ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރާތާ 50 އަހަރު ފުރުނު އަހަރެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!