ޚަބަރު

ކޮވިޑް-19: މިހާތަނަށް އެއްލައްކަ އަށް ވުރެ ގިނަ ބުކިން ކެންސަލް ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަހާ ގުޅިގެން މިހާތަނަށް އެއްލައްކަ އަށް ވުރެ ގިނަ ޓޫރިސްޓު ބުކިން ކެންސަލް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުން ފެށިގެން 125،827 ބުކިން ކެންސަލް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ އަދަދަށްވުރެ ދެގުނަ އިތުރަށް ބުކިން އަލަށް ހައްދާފައިވާ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ. އެގޮތުން 332،023 ބުކިން އަލަށް ހައްދާފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި ރާއްޖޭގެ އިގްތިސޯދަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށެވެ. ނަމަވެސް އެއީ އަރައި ނުގަނެވޭނެ ކަމެއް ނޫން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް ލޮޅުން އަޔަސް ސަރުކާރުން އެކަމުން އަރައި ގަންނަން މަސައްކަތް ފަށާފައިވާ ކަމަށާއި، އެގޮތުން އެހެން މަންޒިލްތަކުން ރާއްޖެއަށް ފަތުރުވެރިން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުނު ކުރެއްދޫ އައިލެންޑު ރިސޯޓާއި ގުޅިގެން އަލީ ވަހީދު ވިދާޅުވީ އެ ރިސޯޓުގައި 696 ފަތުރުވެރިން އެބަ ތިބި ކަމަށެވެ. އަދި ވިދާޅުވީ އެ ރިސޯތުގެ ހާލަތުތައް ވެސް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި ހަމައެއާއެކުގައި ރިސޯޓުގެ މެނޭޖުމަންޓާއި ގުޅިގެން ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!