ޚަބަރު ވިޔަފާރި

ރާއްޖެ އަންނަ ޗައިނާ ފަތުރުވެރިން އިތުރުކުރަން ކެމްޕޭނެއް ފަށަނީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޗައިނާ ފަތުރުވެރިންތަކެއް ރާއްޖެ ޒިޔާރާތް ކުރަނީ

ރާއްޖެ ޒިޔާރާތް ކުރާ ޗައިނާގެ ފަތުރުވެރިން އިތުރު ކުރުމަށް ހާއްސަ ކެމްޕެއިންެއް ފަށަން "މޯލްޑިވްސް ޗައިނާ ޓޫރިޒަމް އެސޯސިއޭޝަން" (އެމްވީސީޓީއޭ) އިން ނިންމައިފި އެވެ.

Ads by MWSC

ކޮވިޑް-19 ގެ ބަލިމަޑުކަން ދުނިޔެއަށް ކުރިމަތިވުމާއެކު ޗައިނާގެ ބޯޑަރުތައް ބަންދު ކުރުމުގެ ކުރިން ރާއްޖޭގެ ފަތުރުވެރިންގެ މާކެޓުގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރީ ޗައިނާ ފަތުރުވެރިންނެވެ. އެހެންނަމަވެސް ޗައިނާގެ ބޯޑަރުތައް ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި އޮތުމަށްފަހުން އަލުން ހުޅުވައިލުމުން ރާއްޖެ ޒިޔާރާތް ކުރާ ޗައިނާ ފަތުރުވެރިންގެ އަދަދު ވަރަށް މަދުވި އެވެ.

އެމްވީސީޓީއޭ އިން ވަނީ ޗައިނާ ގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރަން ހާއްސަ ރޯޑްޝޯއެއް ބާއްވަން ނިންމައިފަ އވެެ. އެ އެސޯސިއޭޝަންގެ އަމާޒަކީ ރާއްޖެއަކީ ޗައިނާގެ ރައްޔިތުންނަށް މަންޒިލެއްގެ ގޮތުގައި އޮތް ގޮތުގެ މައުލޫމާތު ފޯރުކޮށްދީ، ޗައިނާ އާއި ރާއްޖޭގެ ޓްރެވަލް އިންޑަސްޓްރީއާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމެވެ.

މި އެސޯސިއޭޝަނުން ހިންގާ ހަރަކާތްތަކުގެ ތެރޭގައި ސަރަހައްދީ ޓްރެވަލް އެގްޒިބިޝަންތަކާއި ރޯޑްޝޯތަކުގައި ބައިވެރިވުމާއި އިޝްތިހާރު ކުރުމާއި ޕްރޮމޯޝަންތަކާއި ޓްރެވަލް ޓްރޭޑާއި މީޑިއާއަށް ފެމިލިއަލައިޒޭޝަން ޓްރިޕްތައް އިންތިޒާމް ކުރުމާއި ޗައިނާގެ ސަރުކާރުގެ ޓޫރިޒަމް އިދާރާތަކާއި ޓްރެވަލް އެޖެންސީތަކާއި އެސޯސިއޭޝަންތަކާއި ގުޅުން ބަދަހި ކުރުން ހިމެނެ އެވެ.

މި އެސޯސިއޭޝަނުން ބާއްވާ ފުރަތަމަ ރޯޑްޝޯ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ބާއްވަން ވަނީ ނިނއްމައިފަ އެވެ. އެ ހަރަކާތް ހަފްތާއަކަށް ކުރިއަށް ދާނެ އެވެ. އަދި ޗައިނާގެ ޝަންހާއީ، ޝެންޒެން، ޗެންގްޑޫ އަދި ބެއިޖިންގގައިވެސް ހަރަކާތްތައް ކުރިއަށް ގެންދާނެކަމަށް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

ޗައިނާގެ ބޯޑަރު ހުޅުވާލައި އެގައުމާއި ރާއްޖެއާއި ދެމެދު ދަތުރުތައް އަލުން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހު އެވެ. އެއާއެކު ރާއްޖެ ޒިޔާރާތް ކުރާ ފަތުރުވެރިންގެ އަދަދަށްވެސް ވަނީ ބޮޑު ކުރިއެރުމެއް ލިބިފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!