ނާޒިމްގެ ވައުދެއް ދަނޑުވެރިންނަށް: ހައްދާ ތަކެތި އުކާލާކަށް ނުޖެހޭނެ
ރާއްޖޭގައި މިހާތަނަށް އުފެދުނު ސަރުކާރުތަކުން ދަނޑުވެރިންނަށް މާ ބޮޑަށް އަޅާ ނުލާ ކަމަށާއި, މޯލްޑިވްސް ނެޝަނަލް ޕާޓީއަށް ވެރިކަން ލިބިއްޖެނަމަ އެކަން ނިމުމަކަށް ގެންވާނެ ކަމަށް, އެ ޕާޓީ ރިޔާސީ ކެނޑިޑޭޓް ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެެ.
ރިޔާސީ ކެނޑިޑޭޓް ކަމާ ހަވާލުވެ ވަޑައިގަތްފަހުން އަތޮޅު ތެރެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި އިއްޔެ ނާޒިމް ވަޑައިގަތީ ކާށިދޫ އަދި ގާފަރަށެވެ. އެ ދެ ރަށުގައި އިއްޔެ ދޮރުން ދޮރުން ހިންގެވިއެވެ. އޭގެ ފަހުން ރޭ ވަނީ އެ ރަށުގައި ޖަގަހައެއް ހުޅުވާ ދެއްވާފައެވެ.
ޖަގަހަ ހުޅުވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ނާޒިމް ވިދާޅުވީ, އެމަނިކުފާނުގެ ވެރިކަމެއްގައި ދަނޑުވެރިންނަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ. އަދި މެނިފެސްޓޯއިން އެމަނިކުފާނު ދަނޑުވެރިންނަށް ވެވަޑައިގަންނަވާ ވައުދުތައް ކިޔާދެއްވިއެވެ. އެގޮތުން ދަނޑުވެރިންނަށް ޚާއްސަ ޕެންޝަން ސްކީމެއް ތައާރަފް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
”"ދަނޑުވެރިކަންކޮށް އުމުރު ހުސްވެގެންދާއިރުގައި ބަލި އެނދުގައި އޮށޯވެދާއިރުގައި ދެނެއް އިތުރަށް އޭނައަށް ފައިސާ ލިބޭނެގޮތެއް ހަމަޖެހިފައެއް ނެތް.” ރާއްޖޭގައި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ރަނގަޅު ޕެންޝަން ސްކީމެއް ނޯންކަން ފާހަގަ ކުރައްވަމުން ނާޒިމް ވިދާޅުވިއެވެ.
ނާޒިމްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ދަނޑުވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ ހައްދާ ތަކެތި ނުވިކި ހަލާކުވުމުގެ މައްސަލައަށް ހައްލު ގެނެސްދެއްވާނެ ކަމަށެވެ. އެ ގޮތުން އެމްއެންޕީގެ ސަރުކާރެއްގައި ރާއްޖޭގައި އުފައްދާ ތަކެތި ރާއްޖެ އެތެރެކުރާނަމަ އޭގެ ޑިއުޓީ ބޮޑުކޮށް އެފަދަ ތަކެތި އެތެރެކުރުން މަނާކުރާނެ ކަމަށް ވިދާޅުވިއެވެ. އަދި ރިސޯޓްތަކާއި ރެސްޓޯރެންޓްތަކަށް ދަނޑުވެރިންގެ ތަރުކާރީއާއި މޭވާ ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން ދަނޑުވެރިންނަށް އެހީވުމުގެ ގޮތުން ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތީގެ ޑިއުޓީ ދަށްކޮށް ނުވަތަ ޑިއުޓީ ފްރީކޮށް އެ ތަކެތި ގެނެވޭގޮތް ހަދައިދޭނެ ކަމަށް ވިދާޅުވިއެވެ.