ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަބްދުﷲ ޖަމީލް އަވަހާރަވެއްޖެ
ގިނަ ދުވަސްތަކެއް ވަންދެން ދަޢުލަތަށް ހިދުމަތް ކޮށްދެއްވާފައިވާ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ، އަބްދުﷲ ޖަމީލް އަވަހާރަވެއްޖެއެވެ.
އުމުރުން 87 އަހަރުފުޅުގައި އަބްދުﷲ ޖަމީލް އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާއި އުޅުއްވުމަށްފަހުގައެވެ. އޭނާ އަވަހާރަވީ ރޭ ފަތިހުގެ ވަގުތެއްގައެވެ.
މަރުހޫމް އަބްދުﷲ ޖަމީލް ވަނީ 54 އަހަރަށްވުރެއް ދިގު މުއްދަތަކަށް ދައުލަތަށް ޚިދުމަތް ކޮށްދެއްވައިފައެވެ.
1953 ވަނަ އަހަރު ވުޒާރަތުލް މުވާސަލާތުގެ އޮބްޒާވަރެއްގެ ވަޒީފާއިން ހިދުމަތް ކުރައްވަން ފެއްޓެވި އަބްދުﷲ ޖަމީލް ވަނީ ސަރުކާރުގެ އެކި މަގާމުތައް ފުރުއްވައިފައެވެ.
އޭގެ ތެރޭގައި ވަޒީރުލްއައުޒަމްގެ އޮފީހުގެ ސެކްރެޓެރީ ކަމާއި ހިންގާ ސެކްރެޓެރީ ކަމާއި ވުޒާރަތުއް ދާހިލިއްޔާގެ ސެކްރެޓެރީ ކަމާއި ހިންގާ ސެކްރެޓެރީ ކަމާއި ކޮޔާ އެންޑު ކަވަރީޒް އެޑްވައިޒަރީ ބޯޑުގެ ހއ.މެންބަރު ކަމުގެ އިތުރުން އެ ބޯޑުގެ ތ. އަތޮޅު މެންބަރު ކަމާއި ސިނަމާ ކުންފުނީގެ ވިޔަފާރީގެ މެނޭޖަރު ކަމާއި ގައުމީ ކުންފުނީގެ ވިޔަފާރި މެނޭޖަރު ކަމާއި ގައުމީ ކުންފުނީގެ އެއް ނަންބަރު މަސް ފިހާރައިގެ މެނޭޖަރުކަން ހިމެނެއެވެ.
ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި އަބްދުﷲ ޖަމީލް ވަނީ މުހިންމު މަގާމުތަކެއް ފުރުއްވައިފަ އެވެ. އެގޮތުން 1968 ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓަރީގެ ހާއްސަ ވަކީލެއްގެ ގޮތުގައި އަބްދުﷲ ޖަމީލު ހަމަޖެއްސެވި އެވެ. އަދި އޭގެ ފަހުން މިނިސްޓްރީ އޮފް ޖަސްޓިސްގެ ވަކީލު ކަމުގެ މަގާމާއި އޮޑިޓް އޮފީހުގެ ވެރިޔާ ކަމުގެ މަގާމުގެ އިތުރުން ޕަބްލިކް މެއިންޓެނަންސް ޑިވިޝަންގެ ވަކީލު ކަމުގެ މަގާމާއި ކޮންޓްރޯލް އޮފް ކޮމިއުނިކެބްލް ޑިޒީޒަސް ޑިވިޝަންގެ ވަކީލު ކަމުގެ މަގާމު އަދި ޝިޕިން ޑިޕާޓްމަންޓުގެ ވަކީލު ކަމުގެ މަގާމުވެސް އޭނާ ފުރުއްވާފައިވެ އެވެ.
އޭގެ ފަހުން ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައިވެސް އަބްދުﷲ ޖަމީލް ހާއްސަ މަގާމުތަކެއް ފުރުއްވި އެވެ. އެގޮތުން އެކި ފަހަރު މަތިން ހެލްތު މިނިސްޓަރު ކަމާއި ފިޝަރީޒް މިނިސްޓަރު ކަމާއި ޓޫރިޒަމް މިނިސްޓަރު ކަމާއި ހޯމް މިނިސްޓަރު ކަމާއި ހައުސިން މިނިސްޓަރު ކަމާއި ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ތ. އަތޮޅު މެންބަރުކަން 30 އަހަރަށްވުރެ ގިނަ ދުވަހު އޭނާ ކުރައްވައިފައިވެ އެވެ. މީގެ އިތުރުން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަންވެސް 14 އަހަރަށްވުރެއް ދިގު މުއްދަތަކަށް އޭނާ ކުރެއްވިއެވެ.
މަރުހޫމް އަބްދުﷲ ޖަމީލަށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު އެރުވީ 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މީގެ އިތުރުން މިނިވަން 25 އާންމު ހިދުމަތުގެ އިނާމުވެސް އޭނާއަށް ލިބިވަޑައިގެންނެވިއެވެ.
މަރުހޫމް އަބްދުﷲ ޖަމީލަކީ ރާއްޖޭގެ މަޝްހޫރު އަދީބު އައްޝައިހް މުހައްމަދު ޖަމީލް ދީދީގެ ދޮށީ ދަރިކަލުންނެވެ.