ސިއްޙީ މަރުކަޒުތައް ޑިޖިޓަލައިޒް ކުރަން 53 މިލިއަން ރުފިޔާގެ ސާމާނު ދީފި

ރާއްޖޭގައި ސިއްޙީ ހިދުމަތް ދޭ ހުރިހާ މަރުކަޒެއް ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫއަށް 53 މިލިއަން ރުފިޔާގެ ސާމާނު ޙަވާލުކޮށްފިއެވެ.
މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ރީޖަނަލް 5 ހޮސްޕިޓަލާއި 15 އަތޮޅު ހޮސްޕިޓަލް އަދި 163 ސިއްހީ މަރުކަޒަށް ބޭނުންވާ ކޮމްޕިއުޓަރާއި ޓެބްލެޓް ފަދަ ތަކެތި ވަނީ ޙަވާލުކޮށްފައެވެ. އެތަންތަނުގެ އިސްވެރިންނާއި މިތަކެތި ޙަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ.
ހެލްތު މިނިސްޓްރީން ވިދާޅުވީ، މި މަޝްރޫޢުއަކީ ސިއްޙީ ދާއިރާ ޑިޖިޓަލައިޒްކޮށް އައިޓީ އިންފްރާސްޓްރަކްޗާ ތަރައްޤީ ކުރަން ސަރުކާރުން ކުރާ އެންމެ ބޮޑު އެއް މަސައްކަތް ކަމަށެވެ.
މިއަދު ޙަވާލުކުރި ތަކެތީގެ ތެރޭގައި 608 ކޮމްޕިއުޓަރ ސިސްޓަމް، 44 ލެޕްޓޮޕް، 500 ޓެބްލެޓް، 14 ވީޑީއޯ ކޮންފަރެންސް ސިސްޓަމްގެ އިތުރުން 551 ޕްރިންޓަރު ހިމެނެއެވެ.
މިއާއިއެކު ސަރުކާރުން ރާއްޖޭގައި ސިއްޙީ ޚިދުމަތްދޭ ހުރިހައި މަރުކަޒުތަކެއް ގުޅައިލުމަށް ފަށާފައިވާ ޕްރޮގުރާމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ހެލްތު މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
އަދި ހަމަ އެއާއިއެކު ފ. އަތޮޅިގައި ފަށައިފައިވާ ޕްރައިމަރީ ހެލްތު ކެއާ މުޅި ރާއްޖެއަށް ފުޅާކުރެވޭނެ ކަން ފާހަގަކޮށްފައިވެއެވެ.