މާލޭގައި ބަޔަކު ރަހީނު ކުރި މީހާގެ ބަންދުގެ މުއްދަތު ޖަހައިފި

މާލޭ ގެއެއްގެ ތެރޭގައި ބަޔަކު ރަހީނު ކޮށްފައިބޭތިއްބި މައްސަލައިގައި ހައްޔަރުކުރި 18 އަހަރުންމަތީ މީހާގެ ބަންދަށް 15 ދުވަސް ދީފިއެވެ.
ހެންވޭރު އަބަދަށްއުފާ މަގުގައި ހުރި ގެއެއްގައި ބަޔަކު ރަހީނު ކޮށްފައި ބޭތިއްބި މައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ ދިވެހި ފިރިހެނަކާއި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖެކެވެ.
ފުލުހުން މިއަދު ބުނެފައިވަނީ އޭގެތެރެއިން 18 އަހަރުން ދަށުގެ ކުއްޖާ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ދެން ހައްޔަރުކުރި ދިވެހި ފިރިހެންމީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ދީފައިވާ ކަމަށެވެ.
ފުލުހުން އިއްޔެ ބުނެފައިވަނީ އެތަނަށް ފުލުހުން ވަދެފައިވަނީ ބާރުގެ ބޭނުންކޮށްގެން ކަމަށެވެ. އަދި ރަހީނުކޮށްފައިތިބި ދިވެހި 3 ފިރިހެނުން ސަލާމަތްކޮށްފައިވާ ކަމަށާއި އެމީހުންނަށް އެކިވަރުގެ އަނިޔާކޮށްފައިވާ ކަމަށެވެ.