އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މުއައްސިސެއްގެ ގޮތުގައި ހުންނަވައިގެން އުފައްދަން މަސައްކަތް ކުރާ ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ހިފަހައްޓަން ނޫޅުއްވާ ކަމަށާއި އަދި އިދާރީ ކަންކަން ނުނިމޭ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަލީ ނަޝާތު ވިދާޅުވެއްޖެއެވެ.
ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދޫކުރަން ފެނޭތޯ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މެދުގައި ރޭ ނެގި ވޯޓުގައި ހަތަރު މެމްބަރަކު ބައިވެރިވިއިރު އޭގެ ތެރެއިން ދެ މެމްބަރަކު ވަނީ ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާއި ދެކޮޅަށް ވޯޓު ދީފަ އެވެ. އެ ދެ މެމްބަރުންނަކީ މުހައްމަދު އާސިފް އާއި ނަޝާތު އެވެ. އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އެމެމްބަރުން ވޯޓު ނުދެއްވީ ކޮން ސަބަބަކާއި ހުރެކަން އެނގިވަޑައިނުގަންނަވާ ކަމަށާއި ހުއްދަ ދޫކުރުމަށް ގާނޫނުން ތިން މަސް ދުވަހުގެ މުއްދަތެއް އީސީއަށް ލިބިދޭތީ އެގޮތަށް ނިންމީ ކަމަށެވެ.
މިކަމާއި ގުޅިގެން ނަޝާތުއާއި އާސިފް އެގޮތަށް ކަން ކުރީ ފޮރިން މިނިސްޓަރު ޝާހިދުގެ އެންގެވުމަކަށް ކަމަށް ތުހުމަތު ކުރެވެ އެވެ. އަދި ދަ ޑިމޮކްރެޓްސް އުފެއްދުން ލަސްކުރަނީ ރިޔާސީ އިންތިހާބު ނިމެންދެން ކަމަށްވެސް ތުހުމަތު ކުރެވެއެވެ.
އެހެންނަމަވެސް ނަޝާތު މިއަދު ވިދާޅުވީ އޭނާ އާއި ކޮމިޝަނަރު އާސިފް ޑިމޮކްރެޓްސް އުފައްދަން ހުއްދަ ނުދޭން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށެވެ. ރޭގެ ބައްދަލުވުމުގައި ހުއްދަ ދިނުމާ މެދު ދެ ބޭފުޅުން ދެކޮޅު ހެއްދެވީ އިދާރީ ގިނަ ކަންކަން ނުނިމެނީސް، އަވަސް އަރުވާލައިގެން އެކަން ކުރަން އުޅުމުން ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުން ކަމަށެވެ. އަދި ހުށަހެޅި ފޯމުތަކުގެ ވެރިފިކޭޝަން ޕްރޮސެސް ވެސް ނުނިމޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަޝާތު ވާހަކަ ދެއްކެވީ އީސީގެ ރައީސް ފުއާދު ހުންނެވީ ނުފޫޒެއްގެ ދަށުވެފައިކަން ދޭހަކޮށްދޭފަދަ މޭރުމަކުންނެވެ. އެގޮތުން އަވަސް އަރުވާލައިގެން ފޯމުތަކުގެ ވެރިފިކޭޝަން ކަށަވަރުވާކަމަށް ފުއާދު ވިދާޅުވި ނަމަވެސް އެފޯމުތައް ބަލަން ބޭނުންވާކަމަށް ނަޝާތުއާއި އާސިފް ނިންމެވީކަމަށް ވިދާޅުވިއެވެ.
ޑިމޮކްރެޓްސްއިން ހުށަހަޅާފައިވަނީ 3،560 މެމްބަޝިޕް ފޯމެވެ. ޕާޓީ އުފެއްދުމަށް ބޭނުންވަނީ 3،000 މެމްބަރުންގެ ސޮއެވެ. ނަޝާތު ވިދާޅުވީ އެމްއެންޕީ އުފެއްދުމުގެ ހުއްދަ ދިނުމުގައިވެސް އަވަސް އަރުވާލައިގެން ކަންކަން ކުރުމުގެ ސަބަބުން ފަހުން ބައެއް ފޯމުތަކުގައި މައްސަލަ ޖެހުނު ކަމަށެވެ. އެހެންވެ އެކަން ތަކުރާރު ކުރަން ބޭނުން ނުވާކަމަށް ވިދާޅުވިއެވެ.
ޑިމޮކްރެޓްސްގެ ލީޑަޝިޕުން ތުހުމަތު ކުރާ ގޮތުގައި އެޕާޓީ އުފައްދަން ހުއްދަ ނުދެނީ ސީދާ ސަރުކާރުގެ ނުފޫޒުންނެވެ. މިކަމާއި ގުޅިގެން މިނިސްޓަރު ޝާހިދަށް ދަނީ ތުހުމަތުގެ އިނގިލި ދިއްކުރަމުންނެވެ.