ޚަބަރު ސިޔާސީ

އެއްވުމުގައި ޙާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރި މައްސަލަ ބަލަން ގޮވައިލައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ރޭ ކުރިއަށް ގެންދިޔަ އިޙުތިޖާޖުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރި މައްސަލަ ބެލުމަށް އިދިކޮޅު ކޯލިޝަނުން ގޮވައިލައިފިއެވެ.

Ads by MWSC

އިދިކޮޅު ލީޑަރު، ރައީސް ޔާމީން މިނިވަން ކުރަން ގޮވައިލައި އިދިކޮޅުން ސިލްސިލާކޮށް ކުރަމުން އަންނަ މުޒާހަރާގެ ތެރެއިން، ރޭގެ އެއްވުން ރޫޅައިލުމަށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް، ޕެޕަރ ސްޕްރޭވެސް ޖަހައިފައެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން، ރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ، ރޭ ސުލްހަވެރިކަމާއެކު ކުރިއަށްގެންދިޔަ އިހުތިޖާޖު ހަލަބޮލިކުރުމަށް ސަރުކާރުން ފޮނުވި ގޭންގަކުން އިހުތިޖާޖުގެ ބައިވެރިންގެ ތެރެއަށް ފުޅި އުކާ ހެދިކަމަށެވެ. އަދި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް، އެއްވުމުގެ ބައިވެރިންގެ މޫނާއި އަނގައަށް އަމާޒުކޮށް ޕެޕާ ސްޕްރޭ ޖެހުން ކުށްވެރި ކުރާ ކަމަށް ބަޔާނުގައިވެއެވެ.

ރޭގެ އެއްވުމުގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަތީފް އަދި ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާއިލްއަށް ފުލުހުން ޕެޕާ ސްޕްރޭ ގިނަ އަދަދަކަށް ޖެހުމުން އެކަމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާކަން އިދިކޮޅުން ފާހަގަކުރެއެވެ.

އަދި ނޫސްވެރިންނަށް އަމާޒުކޮށް ޕެޕާ ސްޕްރޭ ޖަހާފައިވާ ކަމަށާއި ނޫސްވެރިން ގެންގުޅުނު ތަކެއްޗަށްވެސް ގެއްލުންދީފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

"ޚާއްސަ އެހީއަށް ބޭނުންވާ ފަރާތަކަށާއި އަންހެނުންނަށާއި އިސް ރަށްވެހިންނަށްވެސް އެއްވެސް ބެލުމެއް ނެތި އަނިޔާވެރިވުމަކީ މިހާރަކަށްއައިސް ފުލުހުންގެ ކިބައިން ފެންނަމުންދާ ވަރަށް ދަށު ދަރަޖައިގެ އަމަލުތަކެވެ." އިދިކޮޅު ކޯލިޝަނުން ނެރެފައިވާ ނޫސްބަޔާނުގައިވެއެވެ.

މީގެއިތުރުން ބަޔާނުގައި ބުނެފައިވަނީ ފުލުހުންގެ އަނިޔާވެރިވުން ހައްދުފަހަނައަޅާ ގޮސްފައިވަނީ އެކަންކަން ބެލުމަށް ޤާނޫނުތަކުން ލާޒިމުކޮށްފައިވާ މުއައްސަސާތަކުން ޒިންމާ އަދާކުރުމަށް ފަސްޖެހޭތީ ކަމަށެވެ.

ރޭގެ އެއްވުމުގައި "ދެން"ގެ ނޫސްވެރިއެއްގެ ގަޔަށްވެސް ފުލުހުން ވަނީ ެޕެޕާ ސްޕްރޭ ޖަހައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!