މަޖިލިސް ހުއްޓިފައިވާތީ ގިނަ ބަޔަކު ކަންބޮޑުވާ ކަމަށްބުނެ, ރައީސް ނަޝީދު ރިޔާސަތާ ހަވާލުވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަވާލުވެވަޑައިގެންފިއެވެ.
ރައީސް ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގައި ގޮތެއް ނިމެންދެން މަޖިލީހުގެ ރިޔާސަތާ ހަވާލުވެ ވަޑައިނުގަންނަވާނެ ކަމަށް ރައީސް ނަޝީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުގެ އުޒުރުތަކަށް ވުރެން އަދި މާ މަތީ މަސްލަހަތެއް އަޅުގަނޑު އެބަ ހިފަހައްޓާން ޖެހޭ. އެއީ ދިވެހި ރައްޔިތުންގެ މަސްލަހަތު" މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގެންނެވި ސަބަބު ހާމަކުރައްވާ ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެ ވަޑައިގަތުމުން, އެ މުއްދަތުގައި ރިޔާސަތު ބެލެހެއްޓެވީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފެވެ. މަޖިލީހުގެ ޤަވާއިދު ބުނާގޮތުން އެގޮތަށް ވަކި މީހަކާ ރިޔާސަތު ހަވާލު ކުރެވޭނީ ގިނަ ވެގެން ތިން ދުވަހަށެވެ. އޭގެ ފަހުން މަޖިލީހުގެ ރިޔާސަތާ ހަވާލުވާނޭ ފަރާތެއް ނެތި ދެ ދުވަހު މަޖިލީހުގެ ޖަލްސާތައް ވަނީ މެދު ކަނޑާލާފައެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ހުއްޓިފައި އޮތް މައްސަލަ ހައްލުކުރަން ދައުލަތުގެ އެހެން ބާރުތަކުންނާއި މަޖިލީހުގެ މެޖޯރިޓީ ޕާޓީން މަސައްކަތް ނުކުރުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.