ޚަބަރު

ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާ ސަރަހައްދުތަކުގެ މަގުތައް ބަންދުކުރާނެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާ ސަރަހައްދުތަކުގެ ވަށައިގެންވާ މަގުތައް ބަންދު ކުރަން ނިންމައި އެ މަގުތަކުގެ ތަފްސީލުތައް އާންމުކޮށްފިއެވެ.

Ads by MWSC

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އީދު ނަމާދު އޮންނަ ވަގުތު މާފަންނު ސްޓޭޑިއަމްއަށް ދެވެން އޮންނަ މަގުތަކާއި ސަލްމާން މިސްކިތް ކައިރީ އޮންނަ މަގުތައް އަދި އިސްލާމީ މަރުކަޒާ ދިމާ މަގުތައް ބަންދުވާނެ ކަމަށެވެ.

މާލެ، ވިލިމާލެ، އަދި ހުޅުމާލޭގައި ބޮޑު ޖަމާޢަތުގައި އަޟްޙާ އީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބޮޑުޖަމާޢަތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާލެ މާފަންނު ސްޓޭޑިއަމް، އިސްލާމީ މަރުކަޒާއި މައިދާން ސަރަޙައްދު، ސަލްމާން މިސްކިތާއި މާބްލް ސަރަޙައްދު، ހުޅުމާލެ ފޭސް 1ގެ ސިންތެޓިކް ޓްރެކް، ހުޅުމާލެ ފޭސް 2ގެ ކްރިކެޓް ސްޓޭޑިއަމް އަދި ވިލިމާލެ ފުޓްބޯޅަ ދަނޑުގައެވެ.

ބޮޑުޖަމާޢަތުގައި ނަމާދުކުރިނަމަވެސް ފިޠުރު ޢީދެކޭ އެއްގޮތަށް، މާލެ ސަރަޙައްދުގެ ބޮޑެތި މިސްކިތްތަކުގައި ޢީދު ނަމާދު ކުރާނެއެވެ. މި މިސްކިތްތަކުގެ ތަފްސީލު މިނިސްޓްރީގެ ވެބްސައިޓުންނާއި މިނިސްޓްރީގެ ސޯޝަލް މީޑީއާއިން ލިބިވަޑައިގަންނަވާނެއެވެ.

މޫސުން ގޯސްވުމާއި ގުޅިގެން ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރެވޭ ގޮތް ނުވާނަމަ އެކަން މި މިނިސްޓްރީން އިޢުލާން ކުރާނެއެވެ. އެފަދަ ޙާލަތެއް ދިމާވެއްޖެނަމަ ޢީދު ނަމާދު ކުރާނީ މާލެ ސަރަޙައްދުގެ ހުކުރުކުރާ ހުރިހާ މިސްކިތެއްގައެވެ.

ޢީދު ނަމާދަށް ވަޑައިގަންނަވާއިރު ސަމާލުކަން ދެއްވަންވީ ކަންތައްތައް:

  • ކޮންމެ ބޭފުޅަކުވެސް ގެއިން ވުޟޫކޮށްގެން އައުން.
  • އަމިއްލަ މުސައްލައެއް ގެންނެވުން.
  • އަމިއްލަ ފެންފުޅިއެއް ގެންނެވުން.
  • ފައިވާންލާނެ ކުޑަ ދަބަހެއް ނުވަތަ ކޮތަޅެއް ( ދަބަސް/ކޮތަޅު ޕްލާސްޓިކް އެއްޗަކަށް ނުވުން).

މިއަހަރުގެ ޙައްޖު ދުވަހަކީ މިމަހުގެ 27 ވަނަ ދުވަހެވެ. ކަލަންޑަރުގައިވާ ގޮތުގައި މިއަހަރުގެ ބޮޑު އީދު ވަނީ މިމަހުގެ 28 ވަނަ ދުވަހަށެވެ. ޢީދު ބަންދާއި ގުޅިގެން މިމަހުގެ 30 ވަނަ ދުވަހާއި ހަމައަށް ސަރުކާރު ބަންދެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!