އީދު ބޮޑު ޗުއްޓީ ނިމި އެންމެން މާލެއަށް

ކޮންމެ އަހަރެއްގެވެސް އަލްހާ އީދަކީ ރާއްޖޭގައި އެންމެ ކުލަ ގަދަކޮށް ފާހަގަކުރާ މުނާސަބާއެވެ.
ކޮވިޑް-19 ގެ ސަބަބުން އީދު ފާހަގަކުރުން ދެ އަހަރަކަށް މަޑުޖެހިލި ނަމަވެސް ނިމިދިޔަ އަހަރު އަނެއްކާވެސް ކުލަ ގަދަ އީދެއް ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް ނިމިދިޔަ އަހަރު ސްކޫލުތަކާއި އޮފީސްތަކަށް މާ ބޮޑު ބަންދެއް ނުލިބުނެވެ. މި އަހަރުގެ އީދު ވެގެން ދިޔައީ ހަމަ އަސްލުވެސް އީދަކަށެވެ. ޖުމްލަ 9 ދުވަހުގެ ބަންދެއް ސްކޫލުތަކަށާއި ސަރުކާރު އޮފީސްތަކަށް ލިބިއްޖެއެވެ.

ނ. ވެލިދޫގައި ބޮޑު އީދު ފާހަގަކުރުމުގެ ތެރެއިން
މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހުގެ މެންދުރު ފަހު 3 ޖެހުމާއިއެކު ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންނަށް ޗުއްޓީ ފެށިއްޖެއެވެ. މިފަދަ ބޮޑެތި ބަންދުތަކަކީ އާންމުކޮށްވެސް މުޅި މާލެ ހުސްކޮށްލާ ދުވަސްތަކެކެވެ.
މިފަހަރުވެސް ފެނިގެން ދިޔައީ ލޯންޗު ތަކާއި ބޯޓު ފަހަރުތަކުގައި މާލެއިން މީހުން ރަށްރަށަށް ފުރައިގެން ދިޔަ މަންޒަރެވެ. ބުރާސްފަތި ދުވަހުގެ މެންދުރު ފަހުން ފެށިގެން ހޮނިހިރު ދުވަހާއި ޖެހެންދެން އޮތީ ދަތުރުތަކެވެ. މާލޭގެ ބޮޑު ބައެއް ހޮނިހިރު ދުވަހާއި ޖެހުނުއިރު ތިބީ ރަށްރަށުގައެވެ.

ނ. ވެލިދޫގައި ބޮޑު އީދު ފާހަގަކުރުމުގެ ތެރެއިން
މިއަހަރުގެ އީދަކީ އަތޮޅުތެރޭގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރި އީދެކެވެ. ބޮޑުމަސް ދުއްވުމާއި، ކޯޑި ނެގުމުން ފެށިގެން ގޮސް ސަގާފީ ކުޅިވަރުތަކާއި ސްޓޭޖު ޝޯތައްވެސް މެ އެވެ. ކުލަ ޖެހުމާއި ފެން ޖެހުންވެސް އެހާމެ ފޯރި ގަދަ އެވެ. އީދު ކުލަ ގަދަކޮށް ފާހަގަ ނުކުރާ ރަށެއް ރާއްޖޭގައި މަދެވެ.

ބޮޑު އީދު ކުޅިވަރުގެ ތެރެއިން
މި އަހަރުގެ އީދު ފުރަތަމަ ދުވަހު ކޮންމެވެސް ވަރަކަށް ބައެއް ރަށްރަށަށް ވާރޭ ވެހުނެވެ. އެހެންނަމަވެސް ދެވަނަ ދުވަހުން ފެށިގެން އޮތީ އަލިކޮށެވެ. އެހެންކަމުން އީދު ހަރަކާތްތައް ވަރަށް ފޯރިއާއިއެކު ކުރިއަށް ގެންދިޔައެވެ.
ކައުންސިލްތަކުން އިސްނަގައިގެން ރަށުގެ ހުރިހާ ރައްޔިތުންގެ ބައިވެރިވުމާއިއެކު އެކި ކަހަލަ ކުޅިވަރުތައް ކުޅުން ވެގެން ދިޔައީ މިއަހަރު ފެނުނު ވަރަށް އުފާވެރި މަންޒަރަކަށެވެ. ބައެއް ރަށްރަށުގައި އީދުގެ ފަހު ދުވަހު ރަށް ސާފު ކުރުމުގެ މުބާރާތްތައްވެސް ކުރިއަށް ގެންދިޔަ އެވެ. އެންމެ ގިނަ ހުސްފުޅި ހޮވާ ޓީމަކަށް އިނާމު ހުށަހަޅައިގެން މިފަދަ މުބާރާތްތައް ކުރިއަށް ގެންދިޔުން ވެގެން ދިޔައީ އޭގެ ސަބަބުން އިޖުތިމާއީ ފައިދާތަކެއްވެސް ލިބުނު ކަންކަމަށެވެ.

ކ. ހުރާގައި ބޮޑު އީދު ފާހަގަކުރުމުގެ ތެރެއިން
އީދު ބަންދު ނިންމައި އިއްޔެ ގިނަ މީހުން މާލެ އަންނަން ފަށައިފި އެވެ. އެހެންނަމަވެސް އިތުރު ދުވަސް ވަންދެން މާލެ ދަތުރުކުރާ ލޯންޗުތައް އުޅެނީ ފުލްކޮށެވެ. އެހެންކަމުން ކުރިއަށް އޮތް ދެ ދުވަހުވެސް ރަށްރަށުން މީހުން އަންނާނެކަމަށް ބެލެވެއެވެ.