ޚަބަރު

ޤާސިމް ވަކިވެ ދިޔައީ ހައްޖު ފުރިހަމަ ކުރުމަށް ފަހު، ހުރީ އުފަލުން

ރައުފާ ރަޝީދު ، ދެން އޮންލައިން

ހައްޖުގެ މަތިވެރި އަޅުކަމަށް ގޮސް ހުއްޓާ ރޭ ކުއްލި ގޮތަކަށް ނިޔާވި ނ. ހޮޅުދޫ/ އުދަރެސް, ގާސިމް އިބްރާހިމް (ގާސިމްބެ), 70 ނިޔާވެފައިވަނީ ޙައްޖު ފުރިހަމަ ކުރުމަށް ފަހު ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

Ads by STELCO

ގާސިމްބެ ނިޔާވެފައި އޮއްވާ ފެނުނީ ހައްޖުގެ އަޅުކަމަށް ފަހު ފަތިސް ނަމާދަށް ވުޟޫކުރަން ފާހާނާއަށް ވަނުމަށްފަހު ހަބަރެއް ނުވެ ލަސްވެގެން ބެލި އިރުއެވެ.

ގާސިމްބެއާ އެކި ހައްޖުގެ އަޅުކަމުގައި ހަރަކާތްތެރިވި ފަރާތަކުން ބުނެފައިވަނީ‎‎
‎ޤާސިމްބެ އަކީ ހެޔޮ ހާލުގައި ހައްޖަށް ގޮސް މިނާއަށް ގޮސް އަރަފާތުގައި ތިބެފައި މުޒްދަލިފާގައި ރޭކޮށްފައިވާ މީހެއް ކަމަށެވެ. އަދި ޖަމްރާތަކަށް ހިލަ އުކީ ޤާސިމްބެގެ ނަމުގައި އޭނާގެ ދަރި ކަމަށް ބުނެފައިވެއެވެ.

“ ހޮޓަލުގައި އެކުގައި ހޭދަކުރެވުނު ވަގުތުގައި ވެސް ވަރަށް އެކުވެރިކަމާއެކު އެންމެންނާ ގުޅިގެން ވާހަކަދައްކައި ހީސަމާސާ ކޮށް އުޅުނު ބޭބެއެއް. ރޭގައި މަޣްރިބް ނަމާދަށް ހަރަމަށް ދިޔައިރު ޤާސިމްބެގެ ދަރިފުޅާ ބައްދަލުވި.22:00 ޖަހާއި ހިސާބު ޤާސިމްބެގެ ދަރިފުޅު ޤާސިމްބެ ގޮވައިގެން ހައްޖުގެ ވާޖިބު އަދި ރުކުން ކަމުގައިވާ ތަވާފު ކުރަން ދިޔަ މަންޒަރު ފެނުން. އަދި އެ ތަވާފް ކުރުން ނިންމާލެވުނު. އަލްޙަމްދުލިއްލާޙް”ޤާސިމްބެއާ އެކު ހައްޖުގެ އަޅުކަމުގައި ހަރަކާތްތެރިވި ފަރާތަކުން ބުނެފައިވެއެވެ.

އޭނާ ބުނީ ހޮޓަލަށް އެނބުރި ރޭގެ ވަގުތެއްގައި އައީ ވެސް ހެޔޮ ހާލުގައި ހުރެ ކަމަށާއި އިއްޔެ ހޮޓަލުގެ މަސްޖިދުގައި ދެވުނު ކުޑަ ދަަރުސްގައި ވެސް  މަރުގެ ވާހަކަ ގެންނަވާފައިވާ ކަމަށް ބުންޏެވެ.

ގާސިމްބެއާއެކު ހައްޖަށް ގޮސް ހުރި އޭނާގެ ދޮށީ ދަރިފުޅު އިބްރާހިމް ޒަކީ  ބުނީ ހައްޖުގެ އަޅުކަން އަދާކުރެވުމުން ހުރީ ވަރަށް ހިތްހަމަޖެހި, އުފަލުން ކަމަށެވެ. އަދި “ރޭގައި ބުނި ބައްޕައަށް ދެން މިކަން ކުރެވުނީ ނޫންހޭ” ދޮށީ ދަރިފުޅު ބުންޏެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރަން 1.8 މިލިއަން މުސްލިމުން ސައުދީ އަރަބިއްޔާއަށް ގޮސްފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!