ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 66 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 66 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިއީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން 16 ތަނެއް ރައިޑްކޮށްގެން ހޯދާފައިވާ ބިދޭސީންކަމަށް މައުލޫމާތު ލިބެއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަނުގައި އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ 66 މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާއަށް ނިސްބަތްވާ މީހަކާއި 65 ބަންގްލަދޭޝްގެ ރައްޔިތުން ކަމަށެވެ.
އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަނުގައި ބަލަމުންދަނީ ބިދޭސީން މަސައްކަތްކުރާ އެކި ސައިޓުތައް ކަމަށާއި އެގޮތުން ބިދޭސީންނަށް ކައްކާ ތަންތަނާއި ކޭޓަރިންގެ ހިދުމަތްތައްދޭ ބައެއް ބޮޑެތި ތަންތަންވެސް ބަލަމުންދާކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
އިމިގްރޭޝަންނުން ގާނޫނާ ހިލާފުވެގެން ރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ އެ މީހުންގެ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތްތައް ފަށާފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގައެވެ. އިމިގްރޭޝަން ގާނޫނާ ހިލާފުވާ މީހުން ބަންދުކުރުމަށް ހުޅުމާލޭގައި އިމިގްރޭޝަން ޑިޓެންޝަން ސެންޓަރެއްވެސް ގާއިމްކޮށްފައިވާއިރު، މި ސެންޓަރުގައި 200 މީހުންގެ ޑިޓެންޝަން ކުރެވެއެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރާއްޖޭގައި ބޮޑުވެފައިވާއިރު، މިފަދައިން ރާއްޖޭގައި އުޅޭ މީހުން ހޯދައި އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާލުމުގެ މަސައްކަތްތައް 2019 ވަނަ އަހަރު ވަނީ ފަށާފައެވެ.
މި މަސައްކަތަކީ އިކޮނޮމިކް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އަދި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ކުރާ މަސައްކަތެކެވެ. އެގޮތުން ކޮވިޑް ދުވަސްވަރު ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 18،000އަށް ވުރެ ގިނަ ބިދޭސީން އަނބުރާ އެމީހުންގެ ގައުމުތަކަށްވަނީ ފޮނުވާލާފައެވެ. މީގެ އިތުރުން، ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސީން ގަވާއިދުތަކާއި ގާނޫނުތަކުގެ އިމުގެ ތެރެއަށް ވެއްދައި އެ ފުރުސަތު ފަހިކޮށްދިނުމަށް ޕްރޮގްރާމެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.