ހާފް މެރެތަންގެ ގައުމީ ރެކޯޑް ޔޫސުފް މުގުރައިލައިފި
ހާފް މެރެތަންގެ ގައުމީ ރެކޯޑް ، އައިލެންޑް ރަނަރސް މޯލްޑިވްސްގެ ޔޫސުފް އިބްރާހީމް މުގުރާލައިފިއެވެ.
އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓްގައި އިއްޔެ އޮތް އެސިކްސް ގޯލްޑް ކޯސްޓް މެރެތަންގައި ވާދަކޮށް ޔޫސުފް ގައުމީ ރެކޯޑް ހެދީ އެއް ގަޑިއިރާއި 09 މިނެޓާއި 58 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރެކޯޑް ކުރީން އޮންނަނީ އެއްގަޑިއިރާއި 10 މިނެޓް،55 ސިކުންތުން ރޭސް ނިންމި ޝިފާޒް މުޙައްމަދު އަތުގައެވެ.
ގޯލްޑް ކޯސްޓްގެ މި އަހަރުގެ މެރެތަންގައި އައިލެންޑް ރަނަރސްގެ މުޙައްމަދު އިރްފާނާއި ޝަމްހާ އަހުމަދު ވެސް ވާދަކޮށްފައި ވެއެވެ. އިރްފާން ވަނީ 1:13:39އިން ދުވެ އޭނާގެ ރެކޯޑް އައުކޮށްފައެވެ. ޝަމްހާ ރޭސް ނިންމައިފައި ވަނީ 1:27:44 އިންނެވެ.
މި އެތުލީޓުންގެ ޓައިމިންތަކާ ގުޅޭ ގޮތުން އެ އެތުލީޓުންގެ ކޯޗް ނަސްރުالله އަޙުމަދު ބުނީ ހުރި ގޮންޖެހުންތަކާ އެކު ވެސް އެތުލީޓުން ނެރުނު ޓައިމިންތަކާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.
“ޔޫސުފް ، އޭނަ އެ ރެކޯޑް ބްރޭކް ކުރީ، ދެން އިރްފާން ، އަމިއްލަ ރެކޯޑް އައުކޮށް ދެވަނައަށް އެންމެ ފިޓް މީހާކަން އެ ދައްކައިދިނީ ، ޝަމްހާ ، ޖަރުމަނުން ފުރައިގެން 30 ގަޑިއިރު ދަތުރުކޮށްފައި އެންމެ ދުވަހަކަށް ފަހު ރޭހަށް އެ އެރީ، އެހެންވީމަ ހަމަ ހުރިހާ އެތުލީޓުންނާ މެދު ވެސް ވަރަށް އުފާވެފައި މި ހުރީ’’ ނަޞްރު ބުންޏެވެ.
މި އެތުލީޓުންގެ ކުރިއަށް އޮތް އިވެންޓަކީ މި އަހަރުގެ އޮގަސްޓްމަހު މަޑަގަސްކަރައިގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއެވެ. ގޯލްޑް ކޯސްޓް މެރަތަންގެ ޓައިމިންގެ މައްޗަށް ބިނާކޮށް އިންޑިއަން އައިލެންޑް ގޭމްސްއާ މެދު ކުރެވޭ އުއްމީދަކީ ކޮބައިތޯ އެހުމުން ކޯޗް ނަޞްރު ބުނީ އުއްމީދަކީ ދިވެހި ފަސްގަނޑަށް މެޑެލްއެއް އެެރުވުން ކަމަށާއި ނަމަވެސް އެކަން ޙަގީގަތަކަށް ހެދޭނީ ތަމްރީންތައް ހެދިގެންކަމަށެވެ.
‘’އެނގިލައްވާނެ ، މި ސަރަހައްދުގައި މި އޮތީ ވަރަށް ވަރުގަދަ ގައުމުތައް ، އެހެންވީމަ ރަނގަޅު ހިލް ޓްރެއިނިންގތަކާ އެއްޗެހި ހެދެން އޮތީ އެ އަދި ލަންކާއިން ނަމަވެސް ރާއްޖެއިން ބޭރުން ޓްރެއިންތަކެއް ލިބިގެން، އެ ކަހަލަ ފުރުސަތެއް ލިބިއްޖެ ނަމަ މެޑަލްއެއް ހޯދުމަކީ މިހާރު ތި ފެންނަ ޓައިމްތަކަށް ބަލާއިރު ޔަގީންކަމެއް’’ ނަސްރު ބުންޏެވެ.