ޚަބަރު

ދައުރުގެ ބޭރުން ބޭއްވި ޖަލްސާވެސް، ގިނައިރުތަކެއް ނުވެ، ނިންމައިލައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން އެދިގެން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށައި، ގިނަ އިރުތަކެއް ނުވެ ޖަލްސާ ނިންމައިލައްވައިފިއެވެ.

Ads by Sosun Fihaara

މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި، ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވަނީ، ޖަލްސާގެ އެންޑާ އިއްވެވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ޕާޓީތައް އެކުލެވިގެންވާ ގޮތަށް އައިސްފައިވާ ބަދަލުތައް ވިދާޅުވެދެއްވައިފައެވެ.

ޖަލްސާ ފެއްޓެވުމަށްފަހު، އަފީފުވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދާއި މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު (ޗެކްމާކް ރަޝީދު) އެމްޑީޕީން ވަކިވެވަޑައިގެންފައިވާތީ ޕާޓީތަކުގެ މެމްބަރުންގެ އަދަދަށް ބަދަލު އައިސްފައިވާކަން ފާހަގަހަގަކުރައްވައިފައެވެ.

އެގޮތުން ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުންގެ އަދަދު މިހާރު ކުރިއަށްވުރެ އިތުރުވެފައިވާކަން ފާހަގަކުރައްވާ ހަސަން އަފީފުވަނީ ޕާޓީތަށް މިހާރު ނިސްބަތްވާ މެމްބަރުންގެ އަދަދު އިއުލާނު ކުރައްވައިފައެވެ.

އެއަށްފަހު، އަފީފު ވިދާޅުވީ ދެން ޖަލްސާ ކުރިޔަށް ގެންދަވާނީ މިހާރު އައިސްފައިވާ ބަދަލުތަކާއެކު ރިޕޯޓު އަލުން މެމްބަރުންނަށް ފޮނުއްވުމަށްފަހު ކަމަށެވެ.

އަދި އެޖެންޑާގައި ހިމެނޭ އެހެންކަމަށް ފުރުސަތު ދެއްވައިފައެއް ނުވެއެވެ. މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތީ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވައިލުމުގެ މަސައްކަތްތަކެވެ.

ރިޔާސަތުން ޖަލްސާ ނިންމަވާލެއްވިކަން އިޢުލާން ކުރެއްވުމުން،  އެމްޑިޕީގެ މެމްބަރުން ވަނީ ނިޒާމީ ނުކުތާ ނެންގެވުމަށް މަސައްކަތް ކުރައްވައިފައެވެ. ނަމަވެސް ރިޔާސަތުން އެ ފުރުސަތެއް ނުދެއްވައެވެ.

 

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!