ޚަބަރު އިޖުތިމާޢީ

ނަމާދުން ފޭބި މީހާ ގައިގައި ޖެހުނު ސައިކަލު ދުއްވަން އިން މީހާ ހައްޔަރު ކޮށްފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

މާލޭ މަގުމަތިން ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓުވި މައްސަލައިގައި ސައިކަލު ދުއްވަން އިން މީހާ ހައްޔަރުކޮށްފި އެވެ.

Ads by MWSC

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ސައިކަލު ދުއްވަން އިން 22 އަހަރުގެ މީހާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން މިއަދު އެވެ.

އަލީ ހަފީޒު ނަމަކަށް ކިޔާ ގައުމީ ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާއެއްގެ ގައިގައި ސައިކަލު ޖެހި އެކްސިޑެންޓު ހިނގީ މިދިޔަ ބުދަ ދުވަހު އެވެ. ސައިކަލު ޖެހުނީ ފަތިސް ނަމާދުން ފައިބައިގެން މަޖީދީ މަގުން ހިނގާފައި ދިޔަ މަގުމަތީގަ އެވެ.

ބުދަ ދުވަހު ހިނގި އެކްސިޑެންޓާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާތީ ފުލުހުންނަށް އޮތީ ވަރަށް ބޮޑަށް ފާޑުކިޔުންވެސް އަމާޒުވެފަ އެވެ. ފުލުހުން މީގެ ކުރިން ބުނި ގޮތުގައި ސައިކަލު ދުއްވަން އިން މީހާ އަތުގައި ސައިކަލު ދުއްވުމުގެ ލައިސަންސެއްވެސް ނޯވެ އެވެ.

އެކްސިޑެންޓުގައި ހަފީޒަށް ބޮޑެތި އަނިޔާތަކެއް ލިބި ހާލު ވަނީ ސީރިއަސްވެފަ އެވެ. އޭނާއަށް ފަރުވާ ދެމުން ދަނީ އޭޑީކޭ އައިސީޔޫގަ އެވެ. ހަފީޒުގެ ހާލު އަދިވެސް ސީރިއަސް ކަމަށް މައުލޫމާތު ލިބެ އެވެ.

ސައިކަލު ދުއްވަން އިން މީހާއަށްވެސް އަނިޔާތަކެއް ލިބުނެވެ. އޭނާއަށް ފަރުވާ ދިންއިރު އޭނާގެ ހާލު ރަނގަޅުކަމަށް މައުލޫމާތު ލިބެ އެވެ.

ހަފީޒަށް ލިބުނު އަނިޔާތަކުގެ ސަބަބުން އޭނާ އިތުރު ފަރުވާއަށް އިންޑިއާއަށް ގެންދަން އާއިލާއިން މަސައްކަތް ކުރަމުން ދާއިރު ކޮމާޝަލް ފްލައިޓެއްގައި އޭނާއަށް ދަތުރު ނުކުރެވޭނެ އެވެ. އެހެންވެ އާއިލާއިން ދަނީ އެއާ އެމްބިއުލާންސެއްގައި ބޭރަށް ގެންދަން މަސައްކަތް ކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!