ޚަބަރު ސަރުކާރު

ގޯތި ލިސްޓަށް 600 އެއްހައި ޝަކުވާ ހުށަހަޅައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މާލޭގެ ރައްޔިތުންނަށް ސަރުކާރުން ހިލޭ ދޫކުރާ ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓަށް 600 އެއްހައި ޝަކުވާ ހުށަހަޅައިފައިވާ ކަމަށް ގޯއްޗާއި ފްލެޓް ދޫކުރުމުގެ މަސައްކަތްތަކަށް ސަރުކާރުން އެކުލަވައިލައްވައިފައިވާ ކޮމިޓީން ހާމަ ކުރައްވައިފިއެވެ.

Ads by STELCO

އެ ކޮމިޓީން ބުނި ގޮތުގައި މިހައިތަނަށް ހުށަހަޅައިފައިވާ ޝަކުވާތަކަށް ބަލާލާއިރު ވަގުތީ ލިސްޓަށް ބަދަލު އަންނަ ފަދަ އެއްވެސް ޝަކުވާއެއް ލިބިފައެއް ނުވެއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި 23،088 މީހުންގެ ފަރާތުން، 15،164 އެޕްލިކޭޝަން ހުށަހަޅައިފައިވެއެވެ. ވަކިން ހުށަހެޅި ފޯމްތަކާއި ޖޮއިންޓް ފޯމުތައް ހިމެނޭ ގޮތުން ގޯތި ލިބޭ މީހުންގެ ލިސްޓްގައި 10،314 މީހުން ހިމެނެއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން، 19،857 މީހުން ހުށަހެޅި، 12،794 ފޯމު ވަނީ ޝަރުތު ހަމަވެފައެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ދޫކުރާ ގޯތިތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު ސަރުކާރުން ޖޫން 26 ވަނަ ދުވަހު ވަނީ ޢާއްމު ކުރައްވައިފައެވެ.

އަދި ޝަކުވާ ހުށައެޅުމުގެ ފުރުޞަތު މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ވަގުތީ ލިސްޓު ޢާއްމުކުރި ދުވަހު ސަރުކާރުންވަނީ ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ވަކިން އެޕްލިކޭޝަންލާފައިވާ މީހުންނަށް ފުރުޞަތު ދެއްވުމަށް ޢާއިލާގެ އެހެން ފަރާތްތަކާއި ގުޅިގެން ޖޮއިންޓް އުޞޫލުން އެޕްލިކޭޝަން އެއްކޮށްލުމުގެ ފުރުސަތު ހުޅުވައިލައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!