ޚަބަރު ސަރުކާރު

ކޮމަންޑޫ ބައި އިލެކްޝަންގައި ވައުދުވި ބިން ހިއްކުމުގެ މަޝްރޫއު މިމަހު ފަށާނެ: އާޒިމް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ށ. ކޮމަންޑޫގައި އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫއުތައް އާޒިމް ބައްލަވާލައްވަނީ | ފޮޓޯ: އެމްޓީސީސީ

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވައުދުވެ ވަޑައިގެންނެވި ބިން ހިއްކުމުގެ މަޝްރޫއު އަހަރަކަށްވުރެއް ގިނަ ދުވަސް ފަހުން މިމަހު ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

Ads by STELCO

ށ. ކޮމަންޑޫ ފަޅުތެރެއިން ބަޔަކާއި އެރަށާއި ޖެހިގެން އޮންނަ މަތި ކޮމަންޑޫއިން ބައެއް ހިއްކައި ދެރަށް ކޯޒްވޭއަކުން ގުޅުވައިލުމަށް ރައީސް ޞާލިހު ވައުދުވެވަޑައިގެން މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރީ މިދިޔަ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު އެވެ. އެކުންފުންޏާއިއެކު ސަރުކާރުން އެއްބަސްވީ 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާށެވެ. މިމަސައްކަތަށް 249.9 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

އަހަރަކަށްވުރެއް ގިނަ ދުވަސް ފަހުން މިމަހު މަސައްކަތް ފަށާނެކަމަށް ވިދާޅުވެ އާޒިމް ވަނީ އަންނަ އޯގަސްޓު މަސް ނިމެންވާއިރު ބިން ހިއްކައި ނިންމައިލާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އަންނަ 2024 ވަނަ އަހަރުގެ ޖެނުއަރީ 12 ވަނަ ދުވަހަށް އެމްޓީސީސީން ނިންމަންޖެހެނީ ހަމައެކަނި ބިން ހިއްކުމެއް ނޫނެވެ.

ކުރިއަށް މިއިތް ހަ މަހެއްހާ ދުވަހުގެ ތެރޭގައި އެމްޓީސީސީން ބިން ހިއްކުމުގެ އިތުރުން ކޮމަންޑޫގެ 1،690 މީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުމާއި، 1،520 މީޓަރުގެ ބޮޑު ހިލައިގެ ތޮށި، ޖުމްލަ 353 މީޓަރުގެ ބޮޑު ހިލައިގެ ފައިކަށި އަދި 112 މީޓަރުގެ ޖިއޯބޭގް ތޮށި މަތިކޮމަންޑޫގައި ގާއިމުކުރުމާއި، 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަހައްދު ގުޅައިލުމުގެ އިތުރުން މިމަސައްކަތަށް ބޭނުންވާ ތިމާވެށީގެ ދިރާސާތަކާއި ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ތައްޔާރުކުރަންވެސް ޖެހޭނެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!