މޯދީ ފްރާންސަށް, އަސްކަރީ އެއްބަސްވުންތަކެއްގައި ސޮއި ކުރާނެ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފަރަންސޭސިވިލާތަށް ފުރާވަޑައިގަންނަވަނީ ހުޅަނގުގައި ނިއު ދިއްލީގެ އެންމެ ދުވަސްވީ ސްޓްރެޓެޖިކް ޕާޓްނަރާއެކު ގުޅުން ބަދަހިކުރެއްވުމަށް ކަމަށާއި، ދިފާއީ ބޮޑެތި އެއްބަސްވުންތަކާއި އިންޑޯ ޕެސިފިކް ސަރަހައްދުގައި ހަމަޖެހުން ގާއިމުކުރުމަށް އާ ޖޮއިންޓް ޕްލޭނެއް އެކުލަވާލެވޭނެ ކަމަށް ބެލެވެއެވެ.
ބެސްޓިލް ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި މޯދީއަށް ދައުވަތު ދެއްވީ ފަރަންސޭސި ރައީސް އިމަނުއެލް މެކްރޮން އެވެ. މި ޕެރޭޑްގައި އިންޑިއާގެ އަސްކަރިއްޔާ، ނޭވީ އަދި ވައިގެ އަސްކަރިއްޔާގެ ޔުނިޓްތައް ވެސް ބައިވެރިވާނެ ކަމަށާއި އޭގެ ތެރޭގައި 2015 ވަނަ އަހަރު އިންޑިއާއިން ގާތްގަނޑަކަށް ނުވަ ބިލިއަން ޑޮލަރަށް ގަތް 36 ރަފާލް ފައިޓާ ޖެޓްގެ ތެރެއިން ދެ ޖެޓް ވެސް ހިމެނެ އެވެ.
އިންޑިއާ ސަރުކާރުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ދަތުރުފުޅުގެ ސަބަބުން ސްޓްރެޓެޖިކް، ސަގާފީ، ސައިންޓިފިކް، އިލްމީ އަދި އިގްތިސާދީ އެއްބާރުލުން ފަދަ ތަފާތު ދާއިރާތަކުން މުސްތަގުބަލަށް ޓަކައި ޕާޓްނާޝިޕްގެ މަގު ޗާޓު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
މިއަހަރަކީ ދެ ގައުމުގެ ސްޓްރެޓެޖިކް ޕާޓްނާޝިޕަށް 25 އަހަރު ފުރޭ އަހަރެއް ކަމަށާއި އާ އަސްކަރީ އެއްބަސްވުންތައް އިއުލާނު ކުރުމުން ދެ ގައުމުގެ ދިފާއީ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށެވެ.