މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތިން މީހަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި ދެ އަތޮޅަކުން ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ވިދާޅުވީ، އެ އިދާރާއިން ހިންގާފައިވާ އޮޕަރޭޝަންތަކުގެ ތެރެއިން ކުޅުދުއްފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ މާލެއިން ކުޅުދުއްފުއްޓަށް ދަތުރުކުރާ ބޯޓަކުން މީހަކު މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަަމަށެވެ. ހޯމަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 45 އަހަރުގެ ދިވެހި ފިރިހެނަކު ކުޅުދުއްފުށި ބަނދަރު ސަރަހައްދުން ހުއްޓުވައި ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އެގޮތުން ބެލިބެލުމުން މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ މަޢުލޫމާތު ދެއްވައިފައެވެ.
މީގެ އިތުރުން އޭދަފުށީގައި ހިންގި އޮޕަރޭޝަނަކީވެސް އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
މި ޖުލައި މަހުގެ 15 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 45 އަހަރުގެ ދިވެހި ފިރިހެނެއް އެރަށު ބަނދަރުމަތިން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މި މައްސަލާ ގުޅިގެން އޭނާ ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު އޭދަފުށި މެޖިސްޓްރޭޓް ކޯޓުން ދީފައިވެއެވެ.