ޚަބަރު

ހަފީޒު އެކްސިޑެންޓުވި ސައިކަލު ދުއްވި މީހާގެ ބަންދަށް އިތުރު 15 ދުވަސް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މިދިޔަ ޖޫން މަހުގެ ފަހުކޮޅުގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ހައްޔަރުކުރި ޒުވާނާގެ ބަންދުގެ މުއްދަތު، އިތުރު 15 ދުވަހަށް އިތުރު ކޮށްފިއެވެ.

Ads by MWSC

މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ، ފަތިސް ނަމާދުން ފައިބައިގެން ހިނގާފައި ދަނިކޮށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި އެމްއެންޔޫގެ ލެކްޗަރަރ ޢަލީ ހަފީޒަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ.

އެކްސިޑެންޓު ވި ސައިކަލު ދުއްވަން އިން 22 އަހަރުގެ ފިރިހެން މީހާ ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖެހީ މި މަހުގެ ހަތަރު ވަނަ ދުވަހުގައެވެ.

މި އެކްސިޑެންޓު ހިނގިއިރު، ސައިކަލް ދުއްވަން އިން 22 އަހަރުގެ ފިރިހެން މީހާއަކީ ސައިކަލު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫނެވެ. އޭނާ ވަނީ ބާރު ސްޕީޑުގައި ސައިކަލު ދުއްވި ކަމަށް އިއުތިރާފުވެފައެވެ.

އޭނާގެ ބަންދަށް ފުރަތަމަ ޖެހި 15 ދުވަސް ހަމަވުމުން ކޯޓުން އިއްޔެ ވަނީ އޭނާގެ ބަންދަށް 15 ދުވަސް އިތުރުކޮށްފައެވެ.

ކޯޓުގައި އޭނާގެ ވަކީލު ވިދާޅުވީ ހާދިސާ ހިނގާފައިވަނީ އަނިޔާ ލިބުނު ފަރާތް ކަމަށްވާ ހަފީޒު ކަފިހި ހުރަސް މަތިން ހުރަސްކުރައްވަނިކޮށް ނޫންކަމަށެވެ. އަދި 22 އަހަރުގެ ޒުވާނާ ސައިކަލުގައި ދަނިކޮށް ހަފީޒު މަގު ހުރަސްކުރައްވަމުން ސައިކަލު އަންނަ ތަން ފެނިގެން “ޕެނިކްވެގެން“ ސައިކަލާ ދިމާއަށް ދުއްވައިގަނެވުމުން ސައިކަލުގައި ލައިގަނެގެން އެކްސިޑެންޓުވީ ކަމަށެވެ.

ސައިކަލުން ޖެހި ލިބުނު އަނިޔާތަކާ ގުޅިގެން ހަފީޒަށް ފުރަތަމަ ފަރުވާދިނީ އޭޑީކޭގައި ވެންޓިލޭޓަރުގައެވެ. އިންޑިއާގެ ހޮސްޕިޓަލެއްގައި ހަފީޒަށް ވެންޓިލޭޓަރުގައި ފަރުވާދިނުމަށްފަހު ހާލު ރަނގަޅުވަމުން އަންނާތީ މިހާރު ވަނީ ވެންޓިލޭޓަރުން ނަގައިފައެވެ.

މި އެކްސިޑެންޓުގެ ތަހުޤީޤަށް ބޭނުންވާ ބައެއް މަޢުލޫމާތު ސާފުކުރުމަށްޓަކައި, ހަފީޒު ހޮސްޕިޓަލަށް ގެންދިއުމުގައި އެހީތެރިވި މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!