ވިއްސާރައިގައި ޕާކިސްތާނާއި އަފްގާނުގެ ގިނަ ބަޔަކު މަރުވެއްޖެ
އަވަށްޓެރި ޕާކިސްތާނަށް ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 13 މީހުން މަރުވެފައިވާއިރު، އަފްޣާނިސްތާނަށް މޫސުމީ ވިއްސާރައިގައި ފެންބޮޑުވެ 31 މީހުން މަރުވެ އެތައް ބަޔަކު ގެއްލިއްޖެއެވެ.
އަފްޣާނިސްތާނުގެ ޑިޒާސްޓާ މިނިސްޓްރީގެ ތާލިބާނުން ކަނޑައަޅާފައިވާ ތަރުޖަމާނު ޝާފިއުالله ރަހީމީ އާދީއްތަ ދުވަހު ވިދާޅުވީ ފާއިތުވި ތިން ދުވަހު ފެންބޮޑުވުމުގެ ސަބަބުން 31 މީހުން މަރުވެ، 74 މީހުން ޒަހަމްވެ، 41 މީހަކު ގެއްލިފައިވާ ކަމަށެވެ.
ވެރިރަށް ކާބުލް، މައިދާން ވަރުދަކް އަދި ގަޒްނީ ޕްރޮވިންސަށް ވަނީ ފެންބޮޑުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މަރުވި މީހުންގެ ތެރޭގައި އެންމެ ގިނައީ ހުޅަނގު ކާބުލް އާއި މައިދާން ވަރުދާކް އެވެ. ރަހީމީ ވިދާޅުވީ ފެންބޮޑުވުމުގެ ސަބަބުން ގާތްގަނޑަކަށް 250 އެއްހާ ޖަނަވާރު މަރުވެފައިވާ ކަމަށެވެ.
ފެންބޮޑުވުމުގެ ސަބަބުން މިހާރުވެސް ހާލުގައި ޖެހިފައިވާ އަފްޣާނިސްތާނަށް އިތުރު ހިތާމައެއް ލިބުނެވެ. އދ.ގެ ހިއުމެނިޓޭރިއަން އެފެއާޒް އެޖެންސީން މިދިޔަ އޭޕްރީލް މަހު ބުނެފައި ވަނީ ދެކުނު އޭޝިއާގެ އެ ގައުމަށް ޖެހިޖެހިގެން ތިން ވަނަ އަހަރު ކާރިސާއާއި ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، އިގްތިސާދީ ގޮތުން ބޮޑެތި ދަތިތަކެއް ކުރިމަތިވި ދެވަނަ އަހަރާއި އެތައް ޒަމާނެއް ވަންދެން ހިނގި ހަނގުރާމައާއި ގުދުރަތީ ކާރިސާތަކުގެ ނަތީޖާ ކަމަށެވެ.
އެންމެ ފަހުން ފެންބޮޑުވެފައި ވަނީ ކާބުލްގެ ހުޅަނގުން އޮންނަ މައިދާން ވަރުޑަކް ޕްރޮވިންސްގެ ޖަލްރޭޒް ޑިސްޓްރިކްޓަށެވެ. ޠާލިބާނުންގެ ސަރުކާރުގެ ތަރުޖަމާނު ޒަބީހުالله މުޖާހިދު ވިދާޅުވީ ހަލުވިކަމާއެކު ފެންބޮޑުވުމުގެ ސަބަބުން ނިދީގައި 12 މީހުން މަރުވެފައިވާ ކަމަށެވެ. އަދި އެތައް ސަތޭކަ ގެއަކަށް ގެއްލުންދީ ނުވަތަ ހަލާކުވެ އިތުރު 40 އެއްހާ މީހުން ގެއްލިފައިވާ ކަމަށާއި ރެސްކިއު ޓީމުތައް ހަރަކާތްތެރިވަމުން ދަނީ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.