އިންސާނަކަށް ލިބޭނެ އެންމެބޮޑު ނިކަމެތިކަމާއި, ބަލިކަށިކަމާއި ހިތާމައަކީ އިންސާނާގެ ކުރިމަތީގައިވާ އަޅުވެތިކަން: އިމްރާން
އިންސާނަކަށް ލިބޭނެ އެންމެބޮޑު ނިކަމެތިކަމާއި, ބަލިކަށިކަމާއި ދެރަކަމާއި ހިތާމައަކީ އިންސާނާގެ ކުރިމަތީގައިވާ އަޅުވެތިކަންކަމަށް ހޯމް މިނިސްޓަރު އައްޝައިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ، މިނިވަންކަމަކީ އިންސާނީ ތަބީއަތުގެ އެންމެމަތީ އެއްސިފަ ކަމަށެވެ. އަދި އެކަމަށްޓަކައި އިންސާނާގެ މުދަލާއި ފުރާނަ ގުރުބާންކުރާ އެންމެމަތީ ޖައުހަ އަކީވެސް މިނިވަންކަންކަމަށެވެ.
ބައެއްފަހަރަށް މިނިވަންކަމުގެ އުފާ އިހުސާސްކުރެވެނީ މިނިވަންކަން ގެއްލިގެން ދިއުމުންކަމަށާއި އިންސާނަކު އިންސާނަކަށް އަޅުވެތިވުމަށްވުރެ ވަކިންބޮޑު ނިކަމެތިކަމެއް އިންސާނާގެ ހަޔާތުގައި ދުވަހަކުވެސް ކުރިމަތިނުވާނެކަމަށާއި ދިވެހިރާއްޖެއަކީ އަބަދުވެސް މިނިވަންކަމަށް ލޯބިކުރާ އަޅުވެތިކަމަށް ނަފްރަތުކުރާ ރައްޔިތެއް އުޅޭ ގައުމެއްކަމަށް އިމްރާން ފާހަގަކުރެއްވިއެވެ.
ރާއްޖެއަށް މިނިވަންކަން އައިސްފައި ވަނީ ދިވެހިންގެ ކާބަފައިންގެ ހިތްވަރާއި އަޒުމާއި, މިނިވަންކަމަށް ކުރި މަތިވެރި މަސައްކަތުން ކަަމަށް ފާހަގަކުރައްވަމުން އިމްރާން ވިދާޅުވީ، ރާއްޖޭގެ މިނިވަންކަން ނަގާލުމަށް ބޭރުގެ އުދުވާނުން މަސައްކަތްކުރި ކޮންމެ ހިނދެއްގައި މިނިވަންކަމުގެ ދިފާއުގައި ދިވެހިން ތެދުވީ ވަރަށް ހިތްވަރާއި ސާބިތުކަމާއެކުގައި ކަމަށެވެ.
އަދި މިއަދު ދިވެހީން މި ހަނދާންކުރަނީ، ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ދިވެހީންގެ ކާބަފައިންގެ ތެރެއިން އިސްނަގައިގެން ތެދުވެވަޑައިގެންނެވި އެތައް އަބުތާލުންގެ ޒިކުރާތައް ކަމަށާއި، މިނިވަންކަމަކީ ސަރަހައްދުގެ ބޮޑުކަމާއި އާބާދީގެ ގިނަކަމާ ގުޅިފައިވާކަމެއް ނޫންކަމަށް އިމްރާން ވިދާޅުވިއެވެ.
"މިނިވަންކަމަކީ ސަރަހައްދުގެ ބޮޑުކަމާއި އާބާދީގެ ބޮޑުކަމާ ގުޅިފައިވާ ކަމެއް ނަމަ 1937 އިން 1945 އަށް ޗައިނާ އިސްތިއުމާރުގެ ދަށުގައި ނުއޮތީސް. އަދި 1858 އިން 1947 އަށް އެ އޮތް ބޮޑު އިންޑިއާ އިސްތިއުމާރުގެ ދަށުގައި ބޯލަނބައި ނުލީސް" އިމްރާން ވިދާޅުވިއެވެ.
މީގެ އިތުރުން، މިއަދު ދިވެހީންނާ ހަމައަށް ކާބަފައިން ފޯރުކޮށްދީފައި މިވާ މިނިވަންކަން ފަޚުރުވެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ މިއަދުގެ ޖީލުގެ ބޮޑުވެގެންވާ ޒިންމާއެއްކަންވެސް ފާހަގަކުރައްވަމުން އިމްރާން ވިދާޅުވީ އެޒިންމާތައް ފުރިހަމަ ގޮތުގައި އުފުލާ އެކަމުގެ ފުރިހަމަ އިހުސާސް ހުރިހާ ރައްޔިތުން އެކުގައި ކުރުމަކީ އަޅުގަނޑުމެން އަދާކުރަންޖެހޭ ގައުމީ ވާޖިބެއް ކަމަށެވެ.
މިނިވަންކަމުގެ އިހުސާސް އެންމެންނަށް ކުރެވޭކަން ޔަގީންކުރުމަކީ ގައުމުގެ ވެރީންގެ ޒިންމާއެއްކަން ފާހަގަކުރައްވަމުން އިމްރާން ވިދާޅުވީ އެ ޒިންމާ މިއަދުގެ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ވަރަށް ވިސްނުންތެރިކަމާއި, ހިކުމަތްރެރިކަމާއެކު ނަންގަވަމުން ގެންދަވާކަމަށެވެ.
"މިއަދުގެ ދުނިޔޭގައި މިނިވަންކަން ގެއްލިގެންދަނީ ގައުމުތަކާ މެދު ބޭއްވޭ ގުޅުންތަކާ އެކަމުގައި ކަންކަން ކުރެވޭ ނުރައްކާތެރި ގޮތް ގޮތުންކަން އިހުސާސް ކުރެވި ދުނިޔޭގެ ހުރިހާ ގައުމުތަކާ އެކު ބޭއްވޭ ސުލްހަވެރި މަތިވެރި ގުޅުންތަކަކީ އަޅުގަނޑުމެންގެ ރާއްޖޭގެ މިއަދުގެ މިނިވަންކަމުގެ ރަމްޒު. މި ގުޅުން މި ގޮތުގައި ދެމި އޮންނާނީ ރާއްޖޭގެ ފުރިހަމަ ހާރިޖީ ސިޔާސަތު ކަނޑައެޅި އެ ސިޔާސަތު ދެމެހެއްޓުމުގެ މަތިވެރި ޒިންމާ އަދާކުރާ ބޭފުޅުންގެ އިއްޒަތާއި ޝަރަފުވެރި މަސައްކަތުގެ ގޮތުން،" އިމްރާން ވިދާޅުވިއެވެ.
އިމްރާން އިތުރަށް ވިދާޅުވީ، މިނިވަންކަން ގެއްލިދާ ފަދަ ބައެއް ކަންކަމާމެދު ފަރުވާކުޑަކުރެވޭ ކަމީ ދިވެހީން ސަމާލުވާންޖެހޭ ކަމެއްކަމަށާއި ރާއްޖޭގެ ރައްޔިތުންގެ މެދުގައި ބޮޑެތި ބައިބައިވުންތައް އުފެދިގެންދާ ފަދަ ގޮތަކަށް އުފެދި އަށަގަންނަ ފިކުރުތަކުން ދުރުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
އިމްރާނަށް ލިބިފައޮތް ބާރުގެބޭނުން ނަހަމަގޮތުގައިކޮށްގެން ޔާމީނު އެހުރީ އެހާލަތަށް ތިރިކޮށްލާފަދޯ