ރައީސް ޞާލިޙަށް ފުވައްމުލަކުން ހޫނު މަރުޙަބާއެއް
![](https://dhen.mv/wp-content/uploads/2023/07/8b612f65-21c0-4b08-8796-f8cea55f13f6.png-850x548.jpeg)
އަންނަ ސެޕްޓެންބަރު މަހު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ފުވައްމުލަކު ސިޓީއަށް ވަޑައިގަންނަވައިފިއެވެ.
އެމަނިކުފާނު ފުވައްމުލަކަށް މިއަދު ހަވީރު ވަޑައިގަތުމުން ފުވައްމުލަކުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ރައީސްގެ ދަތުރުފުޅުގެ ތެރެއިން އެ ރަށުގެ ދޫޑިގަން އަވަށުގެ ފުޓްބޯޅަ ދަނޑު ހުޅުވައިދެއްވާނެއެވެ. އަދި ފުވައްމުލަކު ސުކޫލުގައި އަލަށް އިމާރާތް ކުރެވުނު މަލްޓިޕާޕަސް ހޯލް ހުޅުއްވައިދެއްވުމުގެ އިތުރުން އެމްޑީއޭގެ ޕޮލިޓިކަލް ސެންޓަރު ހުޅުއްވައިދެއްވާނެއެވެ. މީގެއިތުރުން މިރޭ ބޮޑު ޖަލްސާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ހޯމަ ދުވަހުގެ ހެނދުނު ރައީސް ހޯމް ސޯލަރ ޕްރޮގްރާމު އިފްތިތާހުކޮށްދެއްވާނެއެވެ. އަދި އަދާލަތު ޕާޓީގެ ޖަގަހަ ހުޅުއްވައިދެއްވުމުގެ އިތުރުން ފުވައްމުލަކު އުތުރު ދާއިރާގެ ކެމްޕޭން ޓީމާއި މެދު ދާއިރާގެ ކެމްޕޭން ޓީމުގެ އިތުރުން ދެކުނު ދާއިރާގެ ކެމްޕޭން ޓީމާއި ވެސް ބައްދަލުކުރައްވާނެއެވެ.
ރައީސްގެ ކެމްޕޭން ދަތުރުފުޅުތަކުގައި މިހާތަނަށް ށ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފައިވާއިރު ކ. އަތޮޅާއި ވ. އަތޮޅުގެ ބައެއް ރަށްތަކަށް ވެސް ވަނީ ވަޑައިގަންނަވާފައެވެ. އަދި ހއ. ގެ ބައެއް ރަށްތަކަށް ވަޑައިގެންފައިވާއިރު ފުވައްމުލަކަށް ރައީސް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ކެމްޕޭނަށް ދެން ވަޑައިގަންނަވާނީ އަނެއްކާވެސް ށ. އަތޮޅުގެ ބައެއް ރަށްތަކާއި ހދ. ގެ ބައެއް ރަށްތަކަށެވެ