ޚަބަރު

އެންމެ ފުރަތަމަ މީހަކު “ސެލްފީ” އެއް ނެގީ 1839 ގައި ކަން އެނގޭތަ؟

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އޮގަސްޓު 19 އަކީ ބައިނަލްއަޤްވާމީ ފޮޓޯގްރަފީ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހެވެ. މި ދުވަސް ނިމިގެން ގޮސްފައިވާއިރު، އެންމެ ފުރަތަމަ “ސެލްފީ” އެއް ނެގީކޮން އަހަރަކު ކަން އެނގެނީ ކިތައް މީހުންނަށް ބާވައެވެ.

ދުނިޔޭގެ އެންމެ ފުރަތަމަ “ސެލްފީ” އެއް މީހަކު ނަގާފައިވަނީ 1839 ވަނަ އަހަރުއެވެ. މިހާރު އޭގެ ފަހުން 181 އަހަރުވީއެވެ. މީގެ 181 އަހަރު ކުރިން މީހަކު ސެލްފީއެއް ނެގިކަމުގައި ބުނުމުން ގަބޫލު ކުރަން ދަތި ވެދާނޭ ކަންވެސް އެނގެއެވެ. ނަމަވެސް މިއީ ހަގީގަތެވެ.

އެންމެ ފުރަތަމަ ފޮޓޯއެއް ވުޖޫދަށް ގެނެސްދިނީ ފުރެންޗް އެކަޑަމީ އޮފް ސައިންސް ނަމަކަަށް ކިޔާ ފްރާންސްގެ ސައިންސް  އެކެޑަމީ އަކުންނެވެ. ފޮޓޯގްރަފީގެ ދާއިރާގައި މަސައްކަތް ކުރާ ދެ މީހުން ކަމަށްވާ ލުއިސް ޑައުގެރް އާއި ޖޯސެފް ނައިސްފޯރ ފޮޓޯ ވުޖޫދަށް ގެނެސްދިނީ 1837 ވަނަ އަހަރުއެެވެ.

މިއަދު “ސެލްފީ”، އަޅުގަނޑުމެންގެ ދިވެހި ބަހުން ނަމަ “ނަފްސީ” އަކީ އެންމެނަށްވެސް އެނގޭ އެއްޗެކެވެ. މިއަދު ޒަމާނީ ޓެކްނޮލޮޖީ ތަރައްގީވެ ސެލްފީއެއް ނެގުމަކީ އުދަނގޫ ކަމެއް ނޫނެެވެ. އަތުގައި އޮންނަ “ސްމާރޓް ފޯން” ބޭނުން ކޮށްގެން އެކަން ކޮށްލުން މިއަދު ވަރަށް ފަސޭހައެވެ.

އެންމެ ފުރަތަމަ ފޮޓޯއެއް ނެގި ބަޔަކަށްވީ ފަރަންސޭސި ވިލާތުގެ 2 މީހުންނެވެ. އެންމެ ފުރަތަމަ “ސެލްފީ” އެއް ނެގީ ކޮން ގައުމެއްގެ ކާކު ބާވައެވެ.

އެންމެ ފުރަތަމަ ސެލްފީއެއް ނެގީ އެމެރިކާގެ އެމެޓުއާ ކެމިސްޓް އަދި ފޮޓޯ އެންތޫޒިއާސްޓް، ރޮބާޓް ކޯނެލިއަސް އެވެ. ދުނިޔޭގެ އެންމެ ފުރަތަމަ “ސެލްފީ” އެއް ނެގީ އޭނާއެވެ.

އޭނާ އެ “ސެލްފީ” ނެގި ގޮތަކީ ތޯއެވެ؟ އޭނާގެ ގޭގައި ހުންނަ ފިހާރައެއް ކުރިމަތީގައި ކެމެރާ ސެޓު ކުރުމަށް ފަހު އޭނާ ވަނީ އޭނާ އަމިއްލައަށް އޭނާ ކެމެރާއިން ފޮޓޯ ނަަގާފައެވެ. އަދި އެއަށްފަހު އޭނާ ވަނީ އެ ފޮޓޯ ފްރޭމް ކޮށްފައެވެ. މި ފޮޓޯ “ސެލްފީ” އަކަށްވީ އޭނާ އަމިއްލައަށް އެ ފޮޓޯ ނެގުމުން ކަމަށް ބެލެވެއެވެ.

މި ފޮޓޯ ނެގިއިރު އޭނާއަށް މިއަދުގެ ދުނިޔޭގައި “ސެލްފީ” ނެގުމަކީ މިހާ މަގުބޫލު ކަމަކަށް ވާނެ ކަން އެނގޭނެ ބާވައޭ އަޅުގަނޑުގެ ހިތަށް އަރައެވެ.

ފޮޓޯގްރަފީ މިވަނީ މިއަދުގެ ދުނިޔޭގައި “އާރޓް” އަކަށް ވެފައެވެ. ފޮޓޯގްރަފީއަށް އިންގިލާބެއް އައިސްފައިވާއިރު މީގެ 181 އަހަރު ކުރިން ނެގި ސެލްފީ ވާނީ ތާރީހީ އެއްޗަކަށް ކަން ޔަގީނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!