ދުނިޔެ

ފެންބޮޑުވެ, ޗައިނާގައި 19 މީހަކު މަރުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިރުމަތީ އޭޝިޔާގެ ސަރަޙައްދުތަކަށް އަރާފައިވާ ބާރުގަދަ ތޫފާން ތުކްސުރީގައި ޗައިނާއިން މަރުވި މީހުންގެ ޢަދަދު 20 އަށް އަރާފައިވާއިރު، ތޫފާނާ ގުޅިގެން ކުރިމަތިވި އެކި ހާދިސާތަކުގައި ގެއްލުނު ކަމަށް ބެލެވޭ އިތުރު 19 މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ. ތުކްސުރީއާއެކު ޗައިނާގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހުމާއެކު، ބޮޑު ސަރަޙައްދުތަކެއްގައި ވަނީ ފެންބޮޑުވެފައެވެ. މީގެ ތެރޭގައި ވެރިރަށް ބެއިޖިންގގެ ގިނަ ސަރަޙައްދުތަކަށް ވެސް ހިމެނެއެވެ.

Ads by WAMCO

ޗައިނާގެ ދެކުނުގައިވާ ފުޖިއާން ޕުރޮވިންސުގެ ސަރަޙައްދުތަކަށް ތޫފާން ތުކްސުރީ އަރާފައި ވަނީ ޖުލައި 28 ވަނަ ދުވަހުއެވެ. އަދި، އެއަށްފަހު ޗައިނާގެ އުތުރުގެ ސަރަޙައްދުތަކަށް ތުކްސުރީ ދަތުރުކުރިއެވެ. މި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ބެއިޖިންގގެ ހުޅަނގުން އޮންނަ މެންޓުގޫ ސަރަޙައްދަށެވެ. ބޯކޮށް ވާރޭވެހި މެންޓެގޫ ކޯރު ފުރިގެން ބަންޑުންވެ، އެ ސަރަޙައްދުގައި ވަނީ ފެންބޮޑުވެފައެވެ.

ތުކްސުރީއަކީ 2016 ވަނަ އަހަރަށް ފަހު އެ ޤައުމުތަކަށް އަރާފައިވާ ދެވަނައަށް އެންމެ ބާރުގަދަ ތޫފާނެވެ. މި ތޫފާނާ އެކު، ޖުލައި މަހު އެވުރެޖުކޮށް ވާރޭވެހޭ މިންވަރަށް އެންމެ 40 ގަޑިއިރުގެ ތެރޭގައި ބެއިޖިންގެ ސަރަޙައްދުތަކަށް ވާރޭވެހިފައިވާ ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ހާމަކުރެއެވެ.

މި ތޫފާނާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި ބެއިޖިންގުން މަރުވި މީހުންގެ ޢަދަދު މިހާރު ވަނީ 11 އަށް އަރާފައެވެ. މަރުވި މީހުންގެ ތެރޭގައި ފެންބޮޑުވުމާ ގުޅިގެން ހާލުގައި ޖެހުނު މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ދެ އޮފިޝަލުން ވެސް ހިމެނެއެވެ. ބެއިޖިންގުން 13 މީހަކު ގެއްލިފައިވާއިރު، ކުރިން ގެއްލުނު އިތުރު 14 މީހަކު މިހާރު ސަލާމަތްކޮށްފައިވާ ކަމަށް ބެއިޖިންގގެ އޮފިޝަލުން ވިދާޅުވެއެވެ. ބެއިޖިންގުން 100,000 އަށްވުރެ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

ބެއިޖިންގާ އިންވެގެން އޮންނަ ހެބޭއީ ޕުރޮވިންސުން ވުސް ނުވަ މީހުން މަރުވިއެވެ. އަދި، ގެއްލިފައިވާ ކަމަށް ބެލެވޭ ހަ މީހަކު ހޯދުމުގެ މަސައްކަތް އޮފިޝަލުން ދަނީ ކުރަމުންނެވެ. އިރުއުތުރުގައިވާ ލިއައޮނިންގ ޕުރޮވިންސުން ވެސް ދެ މީހަކު ވަނީ މަރުވެފައެވެ. ފެންބޮޑުވެ ޢާންމު ޚިދުމަތްތައް ދިނުމަށް ބޭނުންކުރާ ވަސީލަތްތަކަށް ގެއްލުންވެ، ބައެއް ހިސާބުތަކުން ސާފު ބޯފެން ހޯދުމަށް ވެސް ވަނީ ދަތިވެފައެވެ.

މި ތޫފާނާ ގުޅިގެން ގެއްލިފައިވާ މީހުން ހޯދައި، ގެދޮރުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ރައީސް ޝީ ޖިންޕިންގ ވަނީ އިރުޝާދު ދެއްވާފައެވެ. އަދި، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ޗައިނާ ސަރުކާރުން ވަނީ 15.4 މިލިޔަން އެމެރިކާ ޑޮލަރު ކަނޑައަޅާފައެވެ.

ޗައިނާގެ ދެކުނުގައި އޮންނަ ދާޝީ ކޯރު ފުރިގެން ބަންޑުންވެ، ފަންގޝާން އަވަށުގެ ބޮޑު ސަރަޙައްދެއްގައި ވެސް މިހާރު ވަނީ ފެންބޮޑުވެފައެވެ. އަދި، ބައެއް ސަރަޙައްދުތަކުގެ ބުރިޖުތައް ވެއްޓިފައިވާއިރު، ފެންބޮޑުވުމާ ގުޅިގެން ގިނަ ހިސާބުތަކެއްގައި ވަނީ ކިސަޑު ހެދިފައެވެ. އަދި، ގިނަ ޢަދަދެއްގެ ގަސްގަހާގެހި ވެއްޓި، ޢިމާރާތްތަކާއި އެއްގަމު އުޅަނދުފަހަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ.

ތޫފާން ތުކްސުރީ ޗައިނާގެ ސަރަޙައްދުތަކަށް އަރާފައި ވަނީ ފިލިޕީންސްގެ ސަރަޙައްދުތަކަށް އަރައި ބޮޑެތި ގެއްލުންތަކެއް ދިނުމަށް ފަހުއެވެ. މި ތޫފާނާ ގުޅިގެން އެ ޤައުމުގައި މަރުވި މީހުންގެ ޢަދަދު ވަނީ 38 އަށް އަރާފައެވެ. މީގެ ތެރެއިން 25 މީހުން މަރުވީ މައިނީލާގެ އައްސޭރިފަށަށް ފެރީއެއް ބަންޑުންޖަހައިލި ހާދިސާއެއްގައެވެ. ތުކްސުރީގެ ނުރައްކަލުން ސަލާމަތް ނުވެވި އުޅެނިކޮށް، ބާރުގަދަ އެހެން ތޫފާނެއް ކަމުގައިވާ ކަނޫން ޗައިނާގެ ރަށްތަކާ ދިމާލަށް ދަތުރު ކުރަމުންދާ ކަމުގައި މޫސުމާ ބެހޭ އިދާރާތަކުން އިންޒާރު ކުރެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!