ޚަބަރު ސަރުކާރު

މާލެ ސަރަހައްދުން ގޯތި ލިބުނު މީހުންނަށް ވޯޓުގެ ކުރިން ލިޔުން ހަވާލު ކުރާނެ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ހުޅުމާލެ ދެވަނަ ފިޔަވަހި ބީޗްފްރަންޓް ސަރަހައްދު/ ފޮޓޯ: އަވަސް

ސަރުކާރުގެ "ބިންވެރިޔާ" ސްކީމްގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބުނު ފަރާތްތަކަށް، ރިޔާސީ އިންތިހާބުގެ ވޯޓުގެ ކުރިން ލިޔުން ހަވާލު ކުރާނެ ކަމަށް ހައުސިންގް މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

މާލެ ސަރަހައްދުން ދޫކުރާ ގޯއްޗަށް އެދި 23،088 މީހަކު ފޯމު ހުށަހެޅި އެވެ. އޭގެ ތެރެއިން 19،857 މީހުން ހުށަހެޅި، 12،794 ފޯމުގައި ޝަރުތު ހަމަވެ އެވެ. އެހެންވެ ސަރުކާރުން ނިންމީ އެ އެންމެންނަށް ގޯދި ދޭށެވެ.

އަސްލަމް ވިދާޅުވީ ގޯތި ލިބުނު ފަރާތްތަކަށް ލިޔުން ދޫކުރަން މިމަހު ފަށާނެ ކަމަށެވެ.

ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދަން ސަރުކާރުން ގަސްތު ކުރާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ދޫކުރާނީ 3،000 ގޯއްޗެވެ. ދެން ހުރި ގޯތިތައް ދޫކުރާނީ އެކަމަށް ބޭނުންވާ ބިންވެސް ހިއްކައިގެންނެވެ. އަސްލަމް ވިދާޅުވީ ގޯތި ދޫކުރަން ބޭނުންވާ ބިމުގެ ބޮޑު ބައެއް މިއަހަރު ނިމުމުގެ ކުރިން ހިއްކައި ނިމޭނެ ކަމަށެވެ.

12،000 އަށްވުރެއް ގިނަ މީހުންނަށް ގޯތި ދޫކުރަން ނިންމި ނަމަވެސް ހުޅުމާލެއިން ދޭނީ ހަމައެކަނި 1،000 ގޯއްޗެވެ. މީގެ އިތުރުން ގުޅީފަޅުން 2،000 ގޯތި، ގިރާވަރު ފަޅުން 2،000 ގޯތި ދޫކުރާނެ އެވެ.

މާލޭ ރަށްވެހިންނަށާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް ހާއްސަކޮށްގެން "ބިންވެރިޔާ" ސްކީމްގެ އިތުރުން "ގެދޮރުވެރިޔާ" ސްކީމްގެ ނަމުގައި ވެސް ސަރުކާރުން މަޝްރޫއެއް އިއުލާން ކުރި އެވެ. އިއްޔެ ވަނީ އެސްކީމްގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށްވެސް ފްލެޓު ދޫކުރާނެކަން ސަރުކާރުން އިއުލާން ކޮށްފަ އެވެ. އެހެންނަމަވެސް މިހާރު ފަށާފައިވާ މަޝްރޫއުތަކުން އަޅާ ފްލެޓުތަކުން އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށް ނުދެވޭނެތީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ އަންނަ ދައުރުގައި އާ މަޝްރޫއުތަކެއް ފަށައި އެފަރާތްތަކަށްވެސް ފްލެޓު ދޫކުރާނެ ކަމަށެވެ.

Ads by Allied Insurance
  1. މުހައްދު

    ތިޔައީ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ޚިލާފަށް ސަރުކާރުން ބޭނުންވާގޮތަށް ކުރާ އިއާދަ ނުކުރެވޭނެ ކަމެއް. އަދި ތިކަން ތިގޮތަށް ކުރިޔަށް ގެންދަން ފުރުސަތުދިން ދައުލަތުގެ ހުރިހާ ފަރާތްތަކުގެ މައްޗަށް ދައުވާކޮށް، ދެވެން އޮތް އެންމެ ބޮޑު އަދަބެއްދެވޭނެ. ޖުޑިޝަރީ އިން އެފަރާތްތަކަށް ހައްގު އަދަބު ނުދީފިއްޔާ ރައްޔިތުން ނިކުމެވެސް އަދަބުދޭނެކަން ހަދާން ބަހައްޓަންވާނެ.