އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީއާ ޕީޕީއެމް ވާދަކުރާނެކަމަށް ރައީސް ނަޝީދު ލަފާކޮށްފި
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ލިބިގެން ދެވަނަ ބުރަށް ގޮސް އެބުރުގައި ވާދަކުރާނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ކެނޑިޑޭޓާއި އިދިކޮޅު ޕީޕީއެމްގެ ތާއީދާއިއެކު ނިކުންނަވާ ޕީއެންސީގެ ކެނޑިޑޭޓުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ލަފާކުރައްވައިފި އެވެ.
ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސްއިން ރިޔާސީ އިންތިހާބަށް ނެރޭ ކެނޑިޑޭޓު އިލްޔާސް ލަބީބުގެ ކެމްޕެއިންގައި ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ އިންތިހާބުގެ ދެވަނަ ބުރަކާއި ގުޅޭގޮތުން ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ފުވައްމުލަކުގައި ހުންނަވައި ރައީސް ނަޝީދު ވިދާޅުވީ ޕީޕީއެމްއިން ނެރޭ ކެނޑިޑޭޓަކީ ދެވަނަ ބުރުގައި ޑިމޮކްރެޓުންނަށް ވޯޓު ދެވޭ ވަރުގެ ކެނޑިޑޭޓަކަށް ހެއްދެވުމަށެވެ.
"އަޅުގަނޑު މިރޭ ޕީޕީއެމްގެ މެމްބަރުންގެ ގާތުގައި އިހުލާސްތެރިކަމާ އެކުގައި ދަންނަވަން އޮތް ނުކުތާއެއް އެބަ އޮތް. ދެވަނަ ބުރެއްގައި އަޅުގަނޑުމެން ލައްވާ އެމްޑީޕީއަށް ވޯޓުދޭން ޖެހޭ ގޮތެއް ތިޔަ ބޭފުޅުން ނުހައްދަވާތި" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ދެވަނަ ބުރުގައި ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅޭނީ ޕީޕީއެމްގެ މެމްބަރުން ވޯޓު ދޭ ގޮތެއްގެ މައްޗަށެވެ. އެންމެ މެމްބަރުން ގިނައީ ޕީޕީއެމްގައި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓުގައި މިފަހަރުގެ އިންތިހާބަށް ކެނޑިޑޭޓަކު ނުނިކުންނަވަ އެވެ. އެޕާޓީން އެންޑޯޒް ކުރީ އިދިކޮޅު ޕީއެންސީގެ ޓިކެޓުގައި ނިކުންނަވާ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ހިމެނިވަޑައިގަންނަވާހެން އިދިކޮޅު ލީޑަޝިޕްގެ ހުރިހާ ބޭފުޅުންވެސް މުއިއްޒުއަށް ތާއީދު ކުރައްވާކަން އިއްޔެ ވަނީ ރަސްމީކޮށް އިއުލާންކޮށްފަ އެވެ.
ބެލެވޭ ގޮތުގައި ރައީސް ނަޝީދު "ޕީޕީއެމްއަކީ މެމްބަރުން ގިނަ ޕާޓީ" ގެ ގޮތުގައި މި ވިދާޅުވީ ޕީއެންސީއާ އަޅާ ކިޔައި އެކަމަށް އިޝާރާތް ކުރައްވަ އެވެ.
ޑިމޮކްރެޓްސްއަށް ނިސްބަތްވާ ބައެއް ބޭފުޅުން ގެންދަވަނީ ޑރ. މުއިއްޒާއިމެދު ހިތްހަމަނުޖެހުން ފާޅު ކުރައްވަމުންނެވެ. ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުވެސް އިޝާރާތް ކުރަނީ މި މައުޟޫއަށެވެ.
އެހެންނަމަވެސް ރައީސް ނަޝީދު ރޭ ލަފާކުރެއްވި ގޮތުންނަމަ އިންތިހާބުގެ ފުރަތަމަ ބުރުން ޑިމޮކްރެޓްސްގެ ކެނޑިޑޭޓު އިލްޔާސް ލަބީބު ބަލިވެ ދެވަނަ ބުރުގައި އެހެން ކެނޑިޑޭޓަކާއި ބައިއަތު ހިފާނެ އެވެ. އަދި ދެވަނަ ބުރަކަށް ދިޔުމުގެ ފުރުސަތު އެންމެ ބޮޑީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށާއި ޑރ. މުއިއްޒަށް ކަމަށް ބެލެވޭ ފަދަ މޭރުމަކުން ރައީސް ނަޝީދު ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ.