ސަރުކާރުގެ އެހީގައި މުޅިން ހިލޭ، ތެލެސީމިއާ ކުދިންނަށް ބޯންމެރޯގެ ހިދުމަތް ދޭން ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ހއ. އަތޮޅަށް މިހާރު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު އުތީމަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޒަކާތު ފަންޑުން އެހީ ދީގެން ބޯންމެރޯގެ ހިދުމަތް ހިލޭ ލިބޭނެ އިންތިޒާމުތަކެއް ހަމަޖެއްސެވި ކަމަށެވެ. އެހެންނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި އެކަން އޭރު އޮތީ ނުކުރެވިފައިކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ނިޒާމުގެ ތެރެއިން ސަރުކާރުގެ އެހީގައި މުޅިން ހިލޭ ބޯންމެރޯގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.
"އެހެންވީމަ، މި ރަށުގައި ހުރި ކުއްޖާއާ އަދި އޭގެ އިތުރަށް މުޅި ރާއްޖޭގައި ވެސް ނިޒާމުގެ ތެރެއިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ މަސައްކަތް ސަރުކާރުން ހިލޭ ގާއިމްކޮށްދިނުމުގެ މަސައްކަތް ކުރާނަން." މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒުގެ ވާހަކަފުޅުގައި ސިއްހީ ނިޒާމުގެ ތެރެއިން ރަނގަޅުކުރަންޖެހޭ ކަންކަމަށް ހާއްސަ އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވި އެވެ. އެގޮތުން ޕްރައިމަރީ ހެލްތު ކެއާގެ ދަށުން ބަލިތައް ޖެހުމުގެ ކުރިން އެކަމަށް ރައްކާތެރިވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެކަމަށް ވިދާޅުވި އެވެ.
އުތީމަށް ކޮށްދެއްވާނެ ބައެއް ކަންކަމަށްވެސް ޑރ. މުއިއްޒު ވަނީ އަލިއަޅުއްވާލައްވައިފަ އެވެ. އެގޮތުން ބަނދަރު ބޮޑުކޮށްދިނުމާއި، ބަންޑާރަ މިސްކިތް މަރާމާތުކޮށްދިނުމުގެ އިތުރުން ރަށް ގިރުމުގެ މައްސަލައަށްވެސް ހައްލު ހޯއްދަވައިދެއްވާނެކަމަށް ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން އުތީމަކީ މީހުން ޒިޔާރާތްކުރާ ރަށެއްކަމުން ރަށްވެހި ގެއެއް ހަދައިދިނުމަށްވެސް ވައުދުވެވަޑައިގެންނެވި އެވެ. އަދި ބޭންކިންގެ ހިދުމަތުގެ ތެރެއިން އޭޓީއެމްގެ ހިދުމަތްވެސް ރަށުގައި ފަށާނެކަމަށް ވަނީ ވިދާޅުވެފަ އެވެ.