ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ ގދ. ތިނަދޫގެ ކުރީގެ މެޖިސްޓްރޭޓުގެ މައްޗަށް ސާބިތުވެއްޖެ
ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.
2016 ވަނަ އަހަރު އޭނާގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ ސައިކަލެއްގައި ދުއްވާފައިދަނިކޮށް ހުއްޓުވުމުން އޭނާ އެއްލާލި ރަބަރު ޕެކެޓެއްގައި 0.0123 ގްރާމްގެ ޑައިމޯފިން ހުރިކަން ތަހުލީލުން ހާމަވުމުންނެވެ.
ދެ ގްރާމަށްވުރެ މަދުން މަސްތުވާތަކެތި މީހެއްގެ އަތުން ފެނިއްޖެނަމަ، ގާނޫނުގައިވާ ގޮތުން ބަލަނީ އެއީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށެވެ. އަދި އެފަދަ މީހުންގެ ދައުވާތައް ކުރިއަށް ގެންދަނީ ޑްރަގު ކޯޓުގަ އެވެ.
އިބްރާހިމް ރަޝީދު ވަނީ އޭނާއަކީ މަސްތަށް ދެވިހިފާފައިވާ މީހެއް ނޫން ކަމަށް ބުނެފަ އެވެ. އެހެންކަމުން އޭނާގެ މައްޗަށް ދައުވާ ކުރިއަށް ގެންގޮސްފައިވަނީ ކްރިމިނަލް ކޯޓުގައި ކަމަށްވާއިރު ދައުވާ އަށް އިބްރާހިމް ރަޝީދު އިންކާރުކުރެއެވެ. އޭނާ ބުނީ އެ ޕެކެޓަކީ އޭނާގެ އެއްޗެއް ނޫން ކަމަށާއި އެއީ ފްރޭމްކުރަން އޭނާގެ އަތަށް ދިން އެއްޗެއް ކަމަށެވެ.
ނަމަވެސް، ފުލުހުން ވިދާޅުވީ އޭނާއަށް ފުލުހުން ފެނުމާއެކު އޭނާގެ އަތުގައި އޮތް ޕެކެޓް އެއްލައިލީ ސިއްސައިގެން ގޮސްފައިކަމަށެވެ. ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ ހެކިންގެ ހެކި ބަހުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށާއި އެ ހެކިތައް ނަފީކުރެވޭވަރު ހެއްކެއް އިބްރާހިމަށް ދެއްކިފައިނުވާ ކަމަށެވެ. އެހެންކަމުން އެކުށުގެ އަދަބެއްގެ ގޮތުން އިބްރާހިމް ރަޝީދުގެ މައްޗަށް ވަނީ 15 އަހަރުގެ ޖަލު ހުކުމަކާ އެކު 25،000ރ. ޖޫރިމަނައެއް އިއްވާފައެވެ.
މީގެ އިތުރުން، އަންހެނަކާ ދިމާލަށް ބޭއަދަބީ ބަސްތަކުން މުހާތަބުކޮށް ގަޒްފުކުރި މައްސަލައެއްގައި ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓުގެ މަގާމުން އިބްރާހިމް ރަޝީދު ޖޫން 24، 2019 ގައި ވަކިކޮށްފައިވާއިރު، ޖޭއެސްސީ އަށް އަމިއްލަ މީހަކު ހުށަހެޅި މައްސަލައިގައި ވަނީ އިބްރާހިމް ރަޝީދު ދިރިއުޅުއްވާ ގޭގެ ކުރިމަތީގައި ހުންނަވައިގެން އަންހެނަކާ ދިމާލަށް ހަޑިހުތުރު އެއްޗެތި ގޮވައި އެ ހިސާބުގަނޑުގެ މީހުންގެ ކުރިމަތީގައި އޭނާ ހަޅޭއްލެވި ކަމަށެވެ.
ހަމައެއާއެކު މަސްތުވާތަކެތީގެ މައްސަލައެއްގައި އިބްރާހިމް ރަޝީދު 2016 ގައި ހައްޔަރު ކުރި އިރު އެ މައްސަލައިގައި ޖޭއެސްސީން އޭނާ ސަސްޕެންޑވެސް ކުރި އެވެ.