ޚަބަރު

ވައިގެ މަގުން ކުޅުދުއްފުއްޓަށް ޑްރަގު އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

. ، ދެން އޮންލައިން

ވައިގެ މަގުން ކުޅުދުއްފުށި ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ދެމީހަކު ހައްޔަރުކޮށްފި އެވެ.

Ads by STELCO

ފުލުހުން ބުނީ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސާއި ކުޅުދުއްފުށި ސިޓީ ޕޮލިސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި / ލީޑް، މުހައްމަދު ހުމާމް ހަސަން ނައީމް (29އ) އާއި މާލެ / މ. އަރޫދާގެ، އަބްދުﷲ އިބްރާހިމް (53އ) ކަމަށެވެ. އެ ދެމީހުން ވެސް ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީ އެއާޕޯޓް ސަރަހައްދުންނެވެ.

ހުކުރު ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެ ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާއި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 52.2 ގުރާމު ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހުމާމް  10 ދުވަސް އަދި އަބްދުﷲ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ކުޅުދުއްފުށި ސިޓީ ޕޮލިހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Ads by Ooredoo