ޚަބަރު ސިޔާސީ

މަޝްރޫއުތައް ހުރީ ނުނިމޭ ނުނިމޭ ގައި، ގިނައީ އަންނަނީ އަންނަނީ މަޝްރޫއުތައް: އަބްދުއްރަހީމް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ | ފޮޓޯ: ޕީޕީއެމް

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ ފަސް އަހަރު ނިމޭއިރު ގިނަ މަޝްރޫއުތައް ހުރީ "ނުނިމޭ ނުނިމޭ" މަރުހަލާގައި ކަމަށާއި ދެން ހުރި މަޝްރޫއުތައް ހުރީ "އަންނަނީ އަންނަނީ" ގައި ކަަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

Ads by STELCO

ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިންގައި ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ކެނދިކުޅުދޫއަށް ވަޑައިގެން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޞާލިހުގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ހުރީ ވާނުވާގައި ކަމަށެވެ. އެމަޝްރޫއުތައް ނިމުނުކަން ނުވަތަ ނޫންކަން އެމަނިކުފާނަށް އެނގެންޖެހޭކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ރަށްރަށަށް ދިއުމުން މުޅިންވެސް މި އަޑުއިވެނީ، މިސްކިތެއް ނެތޭ، ހުރި މިސްކިތް ބާވެއްޖޭ، ސްކޫލުގައި ގޯލެއް ނެތޭ، މިހެން ގޮސް ހަމަ ނެތް ކަންތަކުގެ ވާހަކަ" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮންމެ ރަށަކަށް ދިޔަސް އިވެނީ އެރަށުގައި ނުފެށޭ މަޝްރޫއުތަކުގެ ވާހަކަ ކަމަށެވެ. އަދި ފެށި މަޝްރޫއުތައްވެސް ނުނިމޭ ވާހަކަ ރައްޔިތުން ދައްކާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މިނިމޭ ފަސް އަހަރު ގެނައި ތަރައްގީ އަކީ ކޮންތާކަށް ކޮން ގޮތަކުން ގެނެވުނު ތަރައްގީއެއްބާއޭ ހިތަށް އަރާކަމަށް އަބްދުއްރަހީމް ވިދާލުވި އެވެ. އޭނާ ސުވާލު އުފެއްދެވީ ތަރައްގީ ގެންނަނީ ކޮންބަޔަކަށްތޯކަމަށް ވިދާޅުވެ އެވެ.

ރިޔާސީ އިންތިހާބަށް ކެމްޕެއިންގެ ފޯރި ވަރަށް ގަދަވެފައިވާއިރު އެންމެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ރައްދުކުރަނީ ރައީސް ޞާލިހުގެ ސަޕޯޓަރުންނާއި ޑރ. މުއިއްޒުގެ ސަޕޯޓަރުންނާއި ދެމެދު އެވެ. މީގެ އިތުރުން ޖޭޕީގެ ކެނޑިޑޭޓު ގާސިމް އިބްރާހިމްވެސް ގެންދަވަނީ އެހެން ކެނޑިޑޭޓުންނަށް ފާޑުވިދާޅުވަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!